ޚަބަރު

ކުރިއަށް އޮތް ދެތިންދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރިއަށް އޮތް ދެތިންދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި ބާނި ބޮޑުވެފައިވާތީ ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. އަދި ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ޢާއްމު ގޮތެއްގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ލަމާލުކަންދީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ޚާއްޞަ ގޮތެއްގައި މިކަމަށް ސަމާލުކަންދިނުމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސް ކުރައްވާފައެވެ.