ޚަބަރު

އެމެރިކާއަށް ނިޞްބަތްވާ އަސީރު މިނިވަން ކުރަން ޙަމާސުން އެއްބަސްވުމުން ޔަހޫދީން ބުނީ ނޫނެކޭ


ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުން އަސީރެއްގެ ގޮތުގައި ގެންގޮސްފައިވާ އެމެރިކާގެ ރައްޔިތެއްް ކަމަށްވާ އީޑަން އެލެކްސެންޑަރ މިނިވަން ކުރުމަށް ޙަމާސުން އެއްބަސްވުމުން އެ ހުށަހެޅުމަށް ޔަހޫދީން ދެކޮޅު ހަދައިފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ ޔަހޫދީންނަށް ނިޞްބަތްވާ 250އެއްހާ މީހުން ރަހީނު ކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާއާއި ޔަހޫދީ ދައުލަތާއި ދެ ޤައުމަށް ނިސްބަތްވާ އީޑަން އެލެކްސެންޑަރ ވެސް ހިމެނެއެވެ. އެއީ ޔަހޫދީ އަސްކަރީ ފައުޖަށް ޚިދުމަތް ކޮށްފައިވާ މީހެކެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޙަމާސާއި ޔަހޫދީންނާ ދެމެދު ޤާއިމު ކޮށްފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ވަނީ މެދުކަނޑައިލާފައެވެ. ނަމަވެސް ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައިސްފައިވާ އިރު ދެވަނަ މަރުޙަލާއާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ. ޔަހޫދީން ބޭނުން ވަނީ ދެވަނަ މަރުޙަލާ ނުފަށައި ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރާށެވެ. ނަމަވެސް ޙަމާސުން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ދެވަނަ މަރުޙަލާ ފަށައި ދާއިމީ ގޮތަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގެއް ހޯދާށެެވެ. މި ދަނޑިވަޅުގައި ޣައްޒާގެ ރައްޔިތުންނަށް ދަތި ކުރުމުގެ ގޮތުން ޔަހޫދީން ވަނީ އެ ސަހަރަށް އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ. އެމެރިކާއާއި ޤަޠަރާއި މިޞްރުން ދަނީ މަޝްވަރާތައް އަލުން ފަށައި އެއްބަސްވުން ދެމެހެއްޓުމަށް ބާރުއަޅަމުންނެވެ.

ޙަމާސުން ބުނީ އެމެރިކާއަށް ނިޞްބަތްވާ އެލެކްސެންޑަރ މިނިވަން ކުރުމަށް ޢުދުވާން ހުއްޓާލުމުގެ މަޝްވަރާތައް ވިލަރެސް ކުރާ ޤައުމުތަކުން ހުށަހަޅާފައިވާ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް ޢަަމަލު ކޮށް އެލެކްސެންޑަރ މިނިވަން ކުރުމަށް ޙަމާސުން އެއްބަސްވެފައިވާ ކަމަށް އެ ޖަމާޢަުތުން ބުނެއެވެ. އެލެކްސެންޑަރގެ އިތުރުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވެފައިވާ ހަތަރު އަސީރެއްގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރުމަށް ޙަމާސުން ތައްޔާރަށް އޮތް ކަމަށާއި އެ ހުށަހެޅުން ކުރިއަށް ގެންދެވޭނީ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ފަށައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އަޅާފައިވާ ހުރަސްތައް ނައްތާލުމުގެ އިތުރުން ޣައްޒާއަށް ވަންނަ މަގުތައް ޔަހޫދީން ހުޅުވައިލުމުން ކަމަށް ޝަރުތު ކޮށްފައިވާނެ ކަމަށް ވެސް ޙަމާސުން ވަނީ ބުނެފައެވެ. ނަމަވެސް ޔަހޫދީން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.

ޙަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލް ޣަނޫއާ ވިދާޅުވީ ޙަމާސުން އެލެކްސެންޑަރ މިނިވަން ކުރުމަށް އެެއްބަސްވީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. އެލެކްސެންޑަރ މިނިވަން ކުރުމުގެ ހުށަހެޅުން ބަލައިގަތުމަށް ޔަހޫދީންނަށް ބާރުއެޅުމަށް މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ޤައުމުތަކާއެކު ޙަމާސުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޙަމާސުން ބުނީ ޣައްޒާއަށް އެތެރެވުން މަނާ ކޮށްފައިވާ އެ ޖަމާޢަތުގެ އިސްވެރިޔާ، ޚަލީލް އަލް-ޙައްޔަ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރުމަށް މަޝްވަރާތައް ވިލަރެސް ކުރަމުންދާ މިޞްރުގެ ވެރިރަށް، ޤާހިރާއަށް ދަތުރު ކުރައްވާނެ ކަމަށެވެ.

ކަމެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މުޝީރު ސްޓީވް ވިިޓްކޮފް މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވީ އެލެކްސެންޑަރ މިނިވަން ކުރުމަކީ އެމެރިކާއިން ޚާއްޞަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ކަމާ ގުޅޭގޮތުން އެމެރިކާގެ ރަހީނުން މިނިވަންކުރުމާ ގުޅޭ މަޝްވަރާތައް ވިލަރެސް ކުރާ އިސް ފަރާތެއް ކަމަށްވާ އެޑަމް ބޯލާ ވަނީ ޙަމާސާއެކު ސީދާ މަޝްވަރާތައް ކޮށްފައެވެ. އެމެރިކާއަކީ ނިރުބަރިވެރި ޖަމާޢަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތްތަކާއެކު ސީދާ މަޝްވަރާތައް ކުރާ ޤައުމެއް ނޫނެވެ. އެހެން ކަމުން އެލެކްސެންޑަރ މިނިވަން ކުރުމާ ގުޅޭގޮތުން އެމެރިކާއިން ޙަމާސާއެކު ސީދާ މަޝްވަރާތައް ކުރުމުން އޭނާ މިނިވަން ކުރުމަށް އެމެރިކާއިންދޭ މުހިންމުކަން ހާމަވެގެންދެއެވެ.