ޚަބަރު

އަސްކޮއި ޖަމާޢަތުން ފައިސާ ނެގުމަށްފަހު ޢުމްރާއަށް މީހުން ނުގެންދިޔަ މައްސަލަ ބަލަނީ


  • އަސްކޮއި ޖަމާއަތުން ފައިސާ ނެގުމަށްފަހު ދަތުރު ކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ބުނޭ

  • ޤަވާޢިދާ ޚިލާފްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ

އަސްކޮއި ޖަމާޢަތުން އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ޚިލާފުވެފައިވާކަމަށް ތުހުމަތުވާ މައްސަލައެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ.

އަސްކޮއި ޖަމާޢަތުގެ މައްސަލައެއް އެ ވުޒާރާއިން ބަލަން ފަށާފައި މިވަނީ ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ދަތުރު ނުކުރުމަށް އެ ޖަމާޢަތުން ނިންމާފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން، ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ޢުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ދަތުރު ކުރެވެން ނެތްކަން އަސްކޮއި ޖަމާޢަތުން އެންގީ ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖެއްގެ ޒަރިއްޔާއިން ކަމަށާއި ދެއްކި ފައިސާ އަނބުރާ ލިބޭނީ އަންނަ މަހުގެ 15ގެ ފަހުން ކަމަށް އެ ޖަމާޢަތުން ބުނެފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެހެން ޖަމާޢަތެއް މެދުވެރިކޮށް ރަމަޟާން މަހުގެ ޢުމްރާއިން ޖާގަ ހޯދުމަށްފަހު ފައިސާ ދެއްކުމަށް، އަސްކޮއި ޖަމާއަތަށް ދައްކާފައިހުރި ފައިސާ އަނބުރާ ދިނުމަށް އެދުމުން އެ ފައިސާ ދީފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ޖަމާޢާތުގެ މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ ޔުނިޓްގެ ފަރާތުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކާމެދު އެ ވުޒާރާއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެގޮތުން މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅާފައިވާނެކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ޢުމްރާއަށް މީހުން ގެންދިއުމުގައި ގަވާއިދާ ޚިލާފުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން، މިފަހުން މަޝްއަރު ޓުއަރސްއިން ޢުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައެއްވެސް ފެންމަތިވިއެވެ. މި މައްސަލަ ބަލައި، އެ ކުންފުންޏާމެދު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރުމަށްވެސް ވަނީ ފޮނުވާފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލުގައިވާގޮތުން ކުންފުނިތަކުން ޢުމްރާއަށް ދާން ފައިސާ ދައްކާ މީހުންނަށް ވައިގެ މަގުން ދެކޮޅު ޓިކެޓާއި އުމްރާއަށް ގޮސްތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް ހަމަޖައްސައިދޭންޖެހޭނެއެވެ.

މި އުސޫލާ ޚިލާފުވާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އެގޮތުން، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި 1000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކުންފުނި ޖޫރިމަނާކުރެވޭނެއެވެ. އަދި ހުއްދަ ނެތި ޢުމްރާއަށް މީހުން ގެންދާނަމަ ނުވަތަ ގެންދަން ފައިސާ ނަގައިފިނަމަ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މީގެއިތުރުންވެސް ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުމަކީވެސް ގަވާއިދާ ޚިލާފުވާ ކުންފުނިތަކާ މެދު އެޅޭނެ ފިޔަވަޅުތަކެކެވެ. އަދި ޖިނާއީ މައްސަލައެއްނަމަ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހަށް ހުށަހެޅުމާއި މަދަނީ މައްސަލައެއް ނަމަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަކީވެސް އަޅުއްވާނެ ފިޔަވަޅުތަކެވެ.