ޚަބަރު

މަސައްކަތުގެ މައިދާނުގައި އެންމެ އިސްކުރަންޖެހެނީ އިޚްލާސްތެރިކަން: އަލްއުސްތާޛް އުސާމް މުޙައްމަދު


  • މައިންބަފައިންގެ މަސައްކަތަކީ ހެޔޮލަފާ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުން

  • މަސައްކަތްތައް ކުރަންވާނީ އެއީ މާދަމާ އެއާމެދު ތިބާއާ ސުވާލު ކުރެވޭނެ ކަންތައްތަކެއްކަން ހަނދާނުގައި ބަހައްޓައިގެން

ދުވަހީ ދިރިއުޅުމުގެ މަސައްކަތުގައި އެންމެ އިސްކުރަންޖެހެނީ އިޚްލާސްތެރިކަންކަމަށް ރާއްޖޭގެ އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އުސްތާޛް އުސާމް މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ ހއ. ބާރަށުގައި ރޭ ކުރިއަށްގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.

"މަސައްކަތުގެ އަޚްލާޤާއި ނަބަވީ ސީރަތު" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، ދުވަހީ ދިރިއުޅުމުގައި ކުރާ މަސައްކަތުގެ އިތުރުން ވަޒީފާގެ މާޙައުލުގައިވެސް ކުރާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުމަށްކަމަށެވެ. އަދި މަސައްކަތްތައް ކުރަންވާނީ އެއީ މާދަމާ އެއާމެދު ތިބާއާ ސުވާލު ކުރެވޭނެ ކަންތައްތަކެއްކަން ހަނދާނުގައި ބަހައްޓައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތުގެ މައިދާނުގައި މަސައްކަތް ކުރާއިރު ދުނިޔޭގަ ކަންކަން އިސްލާޙުކުރުމަށްޓަކައި ރައްޔިތުމީހާ ތިބާ އައްޔަންކޮށްފަ މިހިރީ މާތްﷲ ގެ ހަޟްރަތުގައި މާދަމާ ތިމަންނައާ މެދުގަސުވާލުކުރެވޭނެ ކަމަށް ބަލައިގެން. އެ ސުވާލަށް ޖަވާބުދިނުމަށްޓަކައި އަޅުގަނޑުމެންގެ މައްޗަށް އިސްވެފަ ތިބި ވެރީން އަބަދުވެސް މަސައްކަތް ކުރަންވާނީ، އެހެންވީމަ އިޚްލާސްތެރިކަން އިސްކުރަންޖެހެނީ." އޭނާ ވިދާޅުވިއެވެ.

އުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ ދައުރާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އުފައްދަންވީ މައިންބަފައިން ނެތް ދުނިޔެއްގައި އެމީހުންނަށް ހެޔޮ ދުޢާ ކޮށްދޭނެ ދަރިންތަކެއްކަމަށެވެ. އަދި އެއީ ކަށްވަޅުގައި އޮންނަ އިރުވެސް އަބަދުވެސް ސަވާބު ލިބިލިބި ހުންނާނެކަމެއްކަން އޭނާވަނީ ހަނދާންކޮށްދެއްވާފައެވެ.

ކަމެއްގެ މާތްކަން ބޮޑުވި ވަރަކަށް އެކަމެއް ކުރަން އުނދަގޫވާނެކަން ފާހަގަކުރައްވާ އުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، ދުވަހީ ދިރިއުޅުމުގައި ދުނިޔެވީ ކަންތައްތަކާ މާބޮޑަށް ބުރަ ވުމުގެ ސަބަބުން ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް އިޙުމާލުވެވޭކަމަށެވެ. އަދި ރަނގަޅު ހެޔޮލަފާ ދަރިޔަކު ތަރުބިއްޔަތުކުރުމަކީ ފަސޭހަކަމެއްނޫނަކަން ހަނދާންކޮށްދެއްވާ އޭނާވަނީ އެކަން ވެއްޖެނަމަ އެމީހަކަށް މާތްﷲ ގެ ރަޙްމަތް ލިބުނީކަމަށް ވިދާޅުވެފައެވެ.

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 ސްކޫލަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.

މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.