ޚަބަރު

ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ސެކިއުރިޓީއަކީ މުހިންމު އެއްޗެއް: ސީޕީ ޒަރީރު


  • ރިޝްވަތާއި ޖަލުގެ ގޮޅިތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމަށް ފުރުޞަތު ދީގެންނުވާނެކަމަށް ވިދާޅުވި

  • ނަތީޖާ ނެރެވޭނީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާ އެކީގައި މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި

ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ސެކިއުރިޓީ ބެލެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ ކަރެކްޝަންސްގެ 30ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ސުލްހަ މަސްލަހަތު ނެތް ޤައުމަކީ އަނދާ އަޅިއަށްވެފައިވާ އަޅިތަކެއް ކަމަށެވެ.

މިއަދު މުޅި ދުނިއެއިން ފެނިގެންދަނީ އެފަދަ މަންޒަރުތަކެއް ކަމަށާއި 21ވަނަ ގަރުނުގައި ދުނިޔޭގައި އުޅެންޖެހިފައި މިވަނީ ސެކިއުރިޓީ ޗެލެންޖެންސްތަކާ އެކީގައި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު އެހެންނަމަވެސް ސެކިއުރިޓީ ވަރަށް މުހިންމު ޤައުމެއް. ކަންދިމާކުރި ގޮތުން އަޅުގަނޑުމެންގެ [ކަނޑުގެ ސަރަހައްދު] ވަނީ ވަރަށް ބޮޑަށް ހުޅުވިފައި. އެސަރަހައްދުން ފެށިގެން ޖަލުތަކާ ހަމައަށް އެކި ބާވަތުގެ ކުށްތައް ކޮށްފައި ތިބި މީހުން އެބައާދޭ. މިރޭ ތިޔަކުދިން އަޒުމަކަށް ހަދަންވީ މިތަނުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފުމަށް. އީމާންތެރިކަމާއި، ތެދުވެރިކަމާއި، ޤައުމީ ލޯތްބާއި، ވަފާތެރިކަމާއެކީ." ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ގައިދީންގެ ގޮތުގައި މިހާރުވެސް ޖަލުތަކުގައި 996 މީހުން އެބަތިބި ކަމަށެވެ.

އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުނު 33 ދަރިވަރުންނާ މުޚާތަބުކުރައްވާ ސީޕީ ވަނީ ރިޝްވަތާއި ޖަލުގެ ގޮޅިތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ އެއްވެސް ފުރުސަތެއް ދީގެންނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދަރިވަރުންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާތަކާއި ވާޖިބުތައް ތަކުރާރުކުރައްވާ ސީޕީ ވަނީ ނަތީޖާ ނެރެވޭނީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާ އެކީގައި މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެފައެވެ.

"ދަރިވަރުން ފުރިހަމަ ތިކުރީ ތިޔަ ދަރިވަރުންގެ މައިންބަފައިންގެ ވަރަށް ބޮޑު އުންމީދެއް. ޒަމާނަށް އަންނަ ބޮޑެތި ބަދަލުތަކާއެކުވެސް ތިޔަ ދަރިވަރުންގެ ބެލެނިވެރިން ވަނީ ރީތި އަޚްލާގާއި، އީމާންތެރިކަން، ފުރިހަމައަށް ދަސްކޮށްދެއްވާފައި. ތިޔަ ނިކުންނަނީ މަސައްކަތުގެ މައިދާނަށް." ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.

ޖަލުތަކުގައި މަސައްކަތް ކުރާ 700އަށް ވުރެ ގިނަ އޮފިސަރުންނަކީ 24 ގަޑިއިރު މަސައްކަތުގެ މައިދާނުގައި ތިއްބެވި ޤައުމީ ބަތަލުން ކަމަށާއި އެއިން އެއްވެސް އޮފިސަރަކީ ދިމާވާ އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން "ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމްގެ 12ވަނަ ބެޗް މާފުށީ ޖަލުގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މިއީ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރުން ލާޒިމް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

8 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ތަމްރީން ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.