ޚަބަރު

ތުރީ އޮން ތުރީ ސީނިއަރ ބައިގެ ޗެމްޕިއަންކަން ދަ ގްރާންޑޭ އާއި ކުއީންސް ބީސީއަށް


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން މި ރަމަޟާން މަހު ބޭއްވި ތުރީ އޮން ތުރީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަހަރުގެ ތްރީ އޮން ތްރީ ކުރިއަށްދިޔައީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށާއި ސީނިއާ ކެޓަގަރީއެވެ.

މުބާރާތުގައި ރޭ ވަނީ 14 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ފައިނަލް މެޗުތައް ކުޅެފައެވެ. މި މެޗުތަކާއެކު މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގެ ޗެމްޕިއަނުންނާ ރަނަރަޕުންނަށް ވަނީ އިނާމުދީފައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދު ﷲ ރާފިއު އެވެ.

މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބްލޫމް ސްކޮޑް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބުލްސް އާއި ވާދަކޮށް 12-8 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ވެނޮމް ހޯދީ ފައިނަލުގައި ހޫޕް ސްޓާސް އާއި ވާދަކޮށް 16-4 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަކޮށް ފެނުނު 18 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އޭޖޭއެލްކޭ ހޯދާފައިވަނީ އާ ޖީލަކަށް ޓީމާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 16-14 އިން މޮޅުވެގެންނެވެ. އަދި ފިރިހެން ޗެމްޕިއަންކަން ރަމަޟާން ކަރީމް ހޯދީ ފައިނަލުގައި ލަވާ ބީސީ އާއި ވާދަކޮށް 22-12 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

އެންމެ ބޮޑު ތަރުހީބެއް ލިބުނު ސީނިއާ ކެޓަގަރީގެ ފައިނަލް މެޗުތައް މިދިޔަ ހުކުރު ދުވަހު ވަނީ ކުޅެފައެވެ. ސީނިއާ ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާންސް އާއި ވާދަކޮށް 21-12 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ހިމެނޭ ކުއީންސް ބީސީ އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެމްޕްރެސް 10-8 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މީގެ އިތުރުން މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ބަގްސް ބަނީ ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ ވޮރިއާސް އެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ޓޮރޮންޓޯ ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ އޭޖޭއެލްކޭ އެވެ.