ބަޔާ ލެވަކޫސަންގެ މިޑްފީލްޑަރު ފްލޯރިއަން ވާޓްޒްގެ ލިގަމެންޓް އިރައިގެން ގޮސް އޭނާ އަށް އަލުން ދަނޑަށް ނުކުމެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އެކުލަބުން ބުނެފި އެވެ.
މި އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.
އޭނާގެ ކަކުލަށް އަނިޔާވީ ޖަރުމަނު ލީގުގައި ވާޑާ ބްރޭމަން އަތުން ލެވަކޫސަން މިދިޔަ ހޮނިހިރު ދުވަހު ބަލިވި މެޗުގަ އެވެ. މި މެޗުގައި ކުޅެން ނުކުތްތާ ފަސް މިނިޓްތެރޭގައި އޭނާ ބާލަން ޖެހުނެވެ.
އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ އަށް ލިބުނު މި އަނިޔާ އަށް ފަހު ދަނޑުން ނުކުމެގެން ދިޔައީ ދަނޑިގަނޑު ޖަހައިގެންނެވެ.
ލެވަކޫސަންއިން ނެރުނު ބަޔާނުގައި ބުނީ ވާޓްސްގެ ކަނާތު ލިގަމެންޓް ހަލާކުވުމުގެ ސަބަބުން ހަފުތާތަކެއް ވަންދެން ނުކުޅެ ހުންނަން ޖެހޭނެ ކަމަށެވެ.
ޖަރުމަނުގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔާ އަށް އަނިޔާވުމަކީ ޖަރުމަނު ލީގުގެ ތަށި ދިފާއު ކުރުމަށް ލެވަކޫސަން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.
އޭނާ އަށް އަނިޔާމިވީ މި ސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުއްޓަ އެވެ. މި ގޮތުން އޭނާ ވަނީ މި ސީޒަނުގައި 15 ގޯލު ޖަހައި 13 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ.
ވާޓްޒް އަށް އަނިޔާވުމުން ކޯޗު ޒަވީ އަލޮންސާ ބުނީ ބަޔާން އަތުން މިރޭ މޮޅުވެވޭނ ޓީމެއްގެ ގޮތުގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ވާޓްޒް ނެތި މި މެޗުގައި ކުޅުމަކީ އޭނާގެ ޓީމަށް ކުރިމަތިވާ ވަރަށް ބޮޑު ޓެސްޓެއް ކަމަށެވެ.
"މި މެޗަކީ ވަރަށް ބޮޑު މެޗެއް. ހަމަމިއާއެކު އަހަރުމެން ބޭނުންވޭ ވާޓްޒް އަށް ޓަކައި މި މެޗުގައި ވާދަވަރިކަން ދައްކާލަން. އަހަރުމެންނަށް އެންމެ މުހިންމީ އެކުވެރިކަމާއި އެއްބައިވަންތަކަން. އެކަން ދައްކާލަން މި މެޗަކީ ވަރަށް މުހިންމު މެޗެއް،" އަލޮންސޯ ބުންޏެވެ.
މި އަނިޔާގެ ސަބަބުން ވާޓްސް އަށް ޖަރުމަނުގެ ގައުމި ޓީމު އިޓަލީއާއެކު މި މަހު ކުޅޭ ދެ މެޗުގައި ވެސް ނުކުޅެވޭނެ އެވެ. މިހެންވެ ޖަރުމަނުގެ ކޯޗު ހޯލިއަން ނާގެލްސްމަން ބުނީ ވާޓްޒް އަށް ނުކުޅެވޭތީވެ ވަރަށް ދެރަވެއްޖެ ކަމަށެވެ. އަދި އޭނާ ނެތުމުން އެތަން ފޫބައްދަން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.