މާލޭގައި ސަލާމަތީ ބާރުތަކުން ހޯމަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނާ ގުޅިގެން މިވަގުތު ކަންބޮޑުވާން ޖެހޭކަމެއް ނެތްކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ.
ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މާލޭގައި ނިރުބަވެރި ޢަމަލުތައް ހުއްޓުވުމާއި ގުޅޭ އޮޕަރޭޝަނެއް ދިވެހި ފުލުހުން ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުން ފަށާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ އިންޓަލިޖެންސް މައުލޫމާތަށް ބިނާކޮށް އާންމު އުސޫލުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްކަމަށް ޚާރިޖިއްޔާއިން ވިދާޅުވެއެވެ. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށް ޚާރިޖީއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
މާލޭގައި ސަލާމަތީ ބާރުތަކުން ހޯމަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ވަނީ ކޯޓު އަމުރުގެ ދަށުން، ތަފާތު އެކި ތަންތަނާއި އުޅަނދުތައް ބަލާފާސްކޮށް 3 މީހަކު ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަން މިހާރުވެސް ކުރިއަށްގެންދާކަން ފާހަގަކުރައްވާ ޚާރިޖީއްޔާއިން ނެރުނު ބަޔާނުގައި، ވިދާޅުވީ މިކަމާގުޅިގެން ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް މިވަގުތު ނެތްކަމަށެވެ.
އަދި ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ. މިއާއެކު ލިބޭ ހުރިހާ މައުލޫމާތަކަށް އަދި އިންޒާރަކަށް ވަގުތުން ފިޔަވަޅުއަޅައި، ރާއްޖެ އަންނަ ފަރާތްތަކާއި ދިރިއުޅޭ ފަރާތްތަކާއި ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވާނެކަމަށް ޚާރިޖިއްޔާއިން ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނާއި ގުޅިގެން، ރަސްމީ އިދާރާތަކުން ތަފްސީލީ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނެތެވެ. ނަމަވެސް އޮޕަރޭޝަނާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ.