ވިލިމާލޭގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލާއެކު މާލެ ސަރަހައްދުގެ އިތުވަމުންދާ އާބާދީއަށް ޚިދުމަތްދެވި، ބާރު ބޮޑުވެފައިވާ ޞިއްޙީ ނިޒާމަށް ބޮޑު ލިޔެއް އަންނާނެނަކަމަށް ޞިއްޙި ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ތަފްސީލުކޮށްދެއްވާ، ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލަކީ މިސަރަޙައްދުގެ ސިއްޙީ ނިޒާމަށް ލުޔެއް ގެންނާނެ އުންމީދީ މަޝްރޫޢެއްކަމަށެވެ. މިގޮތުން މިހާރު އައިޖީއެމްއެޗަށް ބާރުބޮޑުވެފައި އޮންނަ އޮތުމަށް އައު ހޮސްޕިޓަލާއެކު ބަދަލެއް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ގެންގުޅުއްވާ ތަރައްޤީގެ ޕްލޭންގެ ދަށުން އަޅާ ތިލަމާލޭ ބްރިޖާއެކު ގުޅިފަޅާއި، ގިރާވަރުފަޅުވެސް ތަރައްޤީވެގެން އަންނައިރު އެސަރަޙައްދުގައި އަލަށް އާބާދުވާ އާބާދީއަށް ބޭނުންވާނެ މުހިންމު ހޮސްޕިޓަލަކަށްވެސް ވިލިމާލޭ ހޮސްޕިޓަލްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް އެނިންމެވި ނިންމުމަކީ ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރައްވަން. އޭގެ ނަތީޖާއަކަށް ވެގެންދާނީ މިބްރިޖުން ގުޅޭގުޅުމާއެކުގައި އަދި ވިލިމާލެއާއި ޖެހިގެން އެއޮންނަ ގިރާވަރުފަޅާއި ދެންވެސް އެތަރައްޤީކުރާ ސަރަޙައްދުގައި މީހުން އާބާދުވުމާއި ގުޅިގެން، އެއާބާދީތަކަށް ހެލްތުގެ ޚިދުމަތްތައް ފަސޭހައިން ލިބުން. މާލޭގައި މިހުރި މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ލުއިވާނެ ކޮންމެ ގޮތަކީ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބޭނެކަމެއް." ވަޒީރު ވިދާޅުވިއެވެ.
ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަކީ އަމާޒެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.
ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ 5 އެނދެއެވެ. އަދި ހޮސްޕިޓަލުގައި ހުރީ ބަލި މީހުން ބަލާ 3 ކޮޓަރިއެވެ. ބައެއް އާއްމު ޙާލަތްތަކުގައި މިހާރުވެސް ފަރުވާއަށް އަންނަޖެހެނީ މާލެއެވެ.
ވިލިމާލެއަކީ 15000 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.
ވިލިމާލޭ ހޮސްޕިޓަލުގެ އިތުރުންވެސް ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ އެހެން ހޮސްޕިޓަލްތަކުގެ ތަފްސީލު ވަޒީރުވަނީ ދެއްވާފައެވެ. މިގޮތުން ކެންސަރު ހޮސްޕިޓަލާއި، ކުޑަކުދިންނާއި މައިންގެ ޚާއްސަ ހޮސްޕިޓަލުގެ އިތުރުން ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަޝްރޫޢުތައް މިއަހަރު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކްލިނިކްތަކާއި މިހޮސްޕިޓަލްތަކާއެކު މުޅި ރާއްޖޭގެ ސިއްޙީ ނިޒާމަށްވެސް އިންޤިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު ޓްރައޭޖް އުސޫލުން ޑޮކްޓަރަށް ދެއްކޭނެ ނިޒާމެއް ޤާއިމުކުރެވި، ހޮސްޕިޓަލުތަކުގެ ކިއުތައް ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.