ކުޅިވަރު

ފުޓްބޯޅަ ލެޖެންޑް ޝާހުގެ އަތް ބިނދިއްޖެ


ކުރީގެ ގައުމީ ކެޕްޓަން އަދި ކުލަބު ވެލެންސިއާގެ ލެޖެންޑް ޝާހް އިސްމާޢީލް (ސާޔާ) ގެ އަތް ބިނދިއްޖެއެވެ.

އޭނާގެ އަތް ބިނދުނީ ރަމަޟާން 7ވީ7 ލީގު 2025 ގައި މިއަދު ހަވީރު އެމްއެސް މޭޓްސްއާ ދެކޮޅަށް ކުލަބު ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިންނެވެ. އަނިޔާވުމާއެކު ޝާހުއަށް ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

ވެލެންސިއާއިން މިރޭ އެ ކުލަބުގެ ފޭސްބުކްގައި ބުނެފައިވަނީ ޝާހުއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި، މި އުނދަގޫ ވަގުތުގައި މުޅި ޓީމު އޮތީ އޭނާއާއެކުގައި ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީކަންވެސް ކޮށްފައިވާ ޝާހުއަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. އޭނާ ފުޓްބޯޅަ ކުޅެން ފެށީ ވެލެންސިއާއިންނެވެ. އެ ކުލަބަށް ފަސް އަހަރު ކުޅުމަށްފަހު އޯކިޑާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް ޝާހު ވަނީ ކާމިޔާބު ހޯދައިދީފައެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ސީޒަނުގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓުވެސް ހޯދާފައިވާ ޝާހު އަކީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރިހި މެޑެލް ހޯދި ގައުމީ ޓީމުގެ ކެޕްޓަނެވެ.