ޚަބަރު

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލައިފި


  • ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް

  • 2 މެންބަރަކު އިންތިޚާބުކުރާނެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވާތީއާއި، މީޑިއާތައް ތަމްސީލްކުރާ މެންބަރެއްގެ މަގާމު 28 އެޕްރީލްގައި ހުސްވާތީކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ބައިލެކްޝަންގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ.

މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކޮށް ހުށަހަޅަން ޖެހޭނީ އެ އެވުޒާރާގެ މެއިލް، [email protected] އަށެވެ.

މެންބަރުކަމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. މީގެ އިތުރުން ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެކަމަށާއި، ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުޠުތަކުގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.