ޚަބަރު

ވޯލްޑް ކަޕަށް ޚާއްސަ ޓާސްކްފޯހެއް ޓްރަމްޕް އުފައްދަވައިފި


2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ޚާއްސަ ޓާސްކްފޯހެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވައިފި އެވެ.

"ވައިޓް ހައުސް ވޯލްޑް ކަޕް ޓާސްކްފޯސް" އުފައްދަވާފައިވަނީ އިއްޔެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއިއެކު ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިންފަންޓީނޯގެ ހާޒިރުގައި ޓްރަމްޕް ވަނީ ޓާސްކްފޯސް އުފެއްދުމުގެ އެގްޒެކްޓިވް އޯޑަރ ގައި ސޮއި ކުރައްވާފަ އެވެ.

ރައީސް ޓްރަމްޕް ޗެއަރ ކުރައްވާ މި ޓާސްކްފޯސް އިން ކުރިއަށް އޮތް ވޯލްޑްކަޕްގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

1994 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު އެމެރިކާގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ބާއްވާއިރު މީގެ ކުރީގެ މުބާރާތްތަކާއި ޚިލާފަށް 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޖުމްލަ 48 ޓީމު ވާދަކުރާނެ އެވެ. މީގެ ކުރިން ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 32 ޓީމެވެ. 2026 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ.

އެމެރިކާގެ ރައީސް ކަމަށް މި ފަހަރު ޓްރަމްޕް އިންތިޚާބުވުމާއިއެކު ކެނެޑާ އާއި މެކްސިކޯ އާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހީނަރުވެފައިވާތީ އެކަމަށް އިޝާރާތްކޮށް ޓްރަމްޕް ވިދާޅުވެފައިވަނީ އެފަދަ ކަންތައްތަކާއިއެކު މުބާރާތް އިތުރަށް ފޯރިގަދަވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވެފައިވަނީ މި މުބާރާތުގެ ސަބަބުން އެމެރިކާއަށް އެތަކެއް މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށާއި އަދި މާލީ ގޮތުން 40 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެ ލައްކަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި މިއީ ކުޅިވަރުގެ އީދެއް ކަމަށެވެ.

އިންފަންޓީނޯ ވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑްކަޕްގެ ޓްރޮފީވެސް ޓްރަމްއަށް ދައްކާލާފަ އެވެ.