ތަޢުލީމު

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް


މި ސަރަހައްދުގެ ޤައުމުތަކުގައި ގިނަ ޢަދަދަކަށް ދިވެހި ދަރިވަރުން އެމްބީބީއެސްފަދަ ބޭސްވެރިކަމާބެހޭ ކޯސްތައް ފުރިހަމަކުރެއެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ރާއްޖެ ހިމެނޭ ސަރަހައްދުގެ ޤައުމުތަކުން މިފަދަ ކޯސްތަކަށް ޕްލޭސްމެންޓް ހޯދުމުގައި ދަތިތަކެެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަަމަށް ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން މަޢުލޫމާތު ދެއްވައެވެ. 

ދަރިވަރުންނަށް ދިމާވާ މިފަދަ ދަތިތައް ހައްލު ކުރެއްވުމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސަރަހައްދުގެ ޤައުމުތަކަށް ޒިޔާރަތްކޮށް ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކާއެކު މަޝްވަރާ ކުރައްވާ، ދިވެހި ދަރިވަރުންނަށް ހެޔޮ އަގުގައި ފަސޭހަކަމާއެކު އެ ޔުނިވަރސިޓީތަކުގައި ކިޔެވޭނެ މަގު މިހާރު ދަނީ ތަނަވަސް ކޮށްދެއްވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރގެ ނައިބް އަޒްލީން އަޙުމަދު  ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ސްރީލަންކާ ސަރުކާރުން ދާދި ފަހުން ގާއިމް ކުރި ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީއެއް ކަމަށްވާ ކޮތަލަވާލާ ޑިފެންސް ޔުނިވަރސިޓީ – ކޭޑީޔޫއާއެކު  ރޯދަމަސް ނިމުމާއެކު ސޮއިކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރަކު ފަންސަވީހަކަށް ފުރުސަތު ޕާކިސްތާނު ސަރުކާރު މެދުވެރިކޮށް އެ ޤައުމުގެ ދަރިވަރުންނަށްދޭ އަގުގައި ޕާކިސްތާނުގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގައި ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަަމަށް އަޒްލީން ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުންގެ އިތުރުން އެހެނިހެން ޕްރޮފެޝަނަލް ހެލްތް އެކްސްޕަރޓުން އުފެއްދެވުމުގެ މަސައްކަތަކީވެސް ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެއް ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

ސަރުކާރުން ދާދިފަހުން ވަނީ، މަތީ ތަޢުލީމުގެ ލޯން އެހީގެ ފުރުޞަތުގެ ދަށުން ސާރކް ޤައުމުތަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރުމަށް ލޯން އެހީ ހަމަޖެހިފައިވާ ދަރިވަރުންވެސް މި ސަރަހައްދުގެ ޤައުމުތައް ނޫން އެހެން ޤައުމުތަކުންވެސް ޕްލޭސްމެންޓް ހޯދުމުގެ ހުއްދަ ދެއްވާފައެވެ. އެގޮތުން ސްރީލަންކާ، ބަންގްލަދޭޝް ނުވަތަ ނޭޕާލްގެ ޔުނިވަރސިޓީ- ކޮލެޖްތަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރެވޭ އަގުގައި ނުވަތަ އެއަށްވުރެ ހެޔޮއަގުގައި ކޯސް ފުރިހަމަކުރެވޭނެ ޤައުމަކުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ކޯހުގެ ޕްލޭސްމަންޓް ހޯދުމުގެ ހުއްދަ ސަރުކާރުން ވަނީ ދެއްވާފައެވެ.