ވިޔަފާރި

މާލެއާއި ވިލިމާލެއާ ދެމެދު ޕްރިމިއަމް ފެރީގެ ޚިދުމަތް ފަށަނީ


މާލެއާއި ވިލި މާލެއާ ދެމެދު ޕްރިމިއަމް ފެރީގެ ޚިދުމަތް އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ވިލިމާލެއާއި މާލެއާ ދެމެދު ފެރީގެ ޚިދުމަތްދޭ އެމްޓީސީސީން ހާމަކޮށްފިއެވެ. 

އެމްޓީސީސީގެ ސީއީއޯ އަޙުމަދު ޒިޔަތު ވިދާޅުވީ މިހާރު ހުޅުމާލެއާ މާލެއާއި ދެމެދު  ޕްރިމިއަމް ފެރީގެ ޙިދުމަތް ދިނުމަށް ބޭނުންކުރާ ވައްތަރުގެ  3 ފެރީ ގެނެސް ވިލިމާލެއާއި މާލެއާއި ދެމެދު ދަތުރު ފެށުމައް މިހާރު ތައްޔާރުވަމުން އަންނަކަމުގައެވެ.

ޕްރިއަމް ފެރީތަކަކީ 90 މީހުންގެ ޖާގައިގެ ފެރީތަކެއްކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. ޕްރިމިއަމް ފެރީގެ ޚިދުމަތް ވިލިމާލެއާއި މާލެއާއި ދެމެދު ފެށިނަމަވެސް ޓިކެޓްގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ޒަމާނީ ފެންވަރަކަށް ތަރައްގީކުރެއްވުމުގެ މަޝްރޫއެއް އެމްޓީސީސީން މިހާރުވަނީ ފަށާފައެވެ. މީގެ އިތުރުން އަތޮޅުތަކުގައި ދެމުން އަންނަ ފެރީގެ ޚިދުމަތްތައްވެސް ތަރައްގީކުރެއްވުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަރަށް އަވަހަށް އަތޮޅުތަކުގައި ސްޕީޑް ލޯންޗުގެ ޚިދުމަތް ފެއްޓުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ފެރީތައްވެސް މަރާމާތުކޮށް އާންމުން ބޭނުންވާ ޚިދުމަތްތައް ދެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.