ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދަރިވަރުންގެ އިޙްޔާގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިރޭގެ ފޯރަމް ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ޢަލްމަދުރަސަތުކް ޢަރަބުއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންކަމަަށެވެ.
ދަރިވަރުންގެ އިޙްޔާ ފޯރަމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މާލެ ސަރަޙައްދުގެ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުންނާއެކު، އެދަރިވަރުން ހުށަހަޅައިދޭ ގޮތަށް ބާއްވާ އިޙްޔާ ފޯރަމެކެވެ. މިޕްރޮގުރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުން މައުޟޫޢުތަކަށް ތައްޔާރުވެ، ހުށަހަޅާ ޕްރޮގުރާމެއްގެ ގޮތުގައެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ.
މިއަހަރުގެ ދަރިވަރުންގެ އިޙްޔާ ފޯރަމްގައި 6 ސްކޫލަކުން ހުށައަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (މާލެ)، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (ހުޅުމާލެ) ގެ އިތުރުން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއެވެ.
ދަރިވަރުންގެ އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގައެވެ.