ފީފާއިން ބޭނުންވި ބަދަލުތައް ގެނެސް، ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އަސާސީ ގަވާއިދު ފާސްކުރުމާއެކު އެ ގައުމުގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މިހާރު އެ ގައުމަށް ފީފާގެ ފުލް މެމްބަރޝިޕް ލިބިފައިވާ ކަމަށެވެ.
"އަހަރުމެންގެ ސަސްޕެންޝަން އުވާލައިފި ފީފާއިން. މި ސަސްޕެންޝަން އުވާލީ އެކްސްޓްރާ އޯޑިނަރީ ކޮންގަރެންސްގައި ފީފާއިން ބޭނުންވާ ބަދަލުތައް ގެނެސް ގަވާއިދު ފާސްކުރުން. އަހަރުމެން ފީފާ އަށް ޝުކުރު އަދާކުރަން މިކަން ކޮށްދިނީތީވެ،" ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުގެ ބަޔާނުގައިވެ އެވެ.
މި މަހުގެ ކުރީކޮޅު ފީފާއިން ޕާކިސްތާން ސަސްޕެންޑް ކުރީ މިނިވަން އަދި ހުޅުވާލެވިފައިވާ އިންތިހާބެއް ބޭއްވުމަށް އަސާސީ ގަވާއިދަށް ގެންނަން އުޅުނު ބަދަލުތައް ކޮންގްރެސްމަނުން ފާސް ނުކުރުމުންނެވެ.
ފީފާއިން ބޭނުންވި އެއް ބަދަލަކީ ރައީސް ކަމަށް ގިނަ ބަޔަކަށް ވާދަކުރެވޭ ގޮތަށް ބަދަލު ކުރުމެވެ. މި ގޮތުން ފުޓްބޯޅަ ހިންގުމުގައި ކޮންމެ ފެންވަރެއްގައި އުޅުނަސް އެއިން ކޮންމެ މީހަކަށް ވެސް ރައީސް ކަމަށް ވާދަކުރެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް ޕާކިސްތާނުގެ ފުޓްބޯޅަ ކޮންގްރެސްމަނުން އެންމެ ފުރަތަމަ ބޭނުންވީ މިހާރު ކޮންގްރެކްސްގައި ބައިވެރިވާ މީހުންނަށް އެކަނި އެ ފުރުސަތު އޮތުމަށެވެ.
ނަމަވެސް ސަސްޕެންޑްކުރުމަށްފަހު، ފީފާ އަދި އޭއެފްސީގެ އޮފިޝަލުންގެ ހާޒިރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މިހާރު ވަނީ މި ގަވާއިދު އިސްލާހުކޮށް ފީފާއިން އެދުނު ގޮތަށް ފާސްކޮށްދީފަ އެވެ.
2019 ވަނަ އަހަރުން ފެށިގެން ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ޕާކިސްތާނުގެ ސަސްޕެންޝަނާއެކު އެ ގައުމަށް އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ކޮލިފައިންގައި ވާދަކުރުމުގެ ދޮރު އޮތީ ބަންދުވެފަ އެވެ. ނަމަވެސް މިހާރު މި މެޗުތަކުގައި ޕާކިސްތާނަށް ވާދަކުރެވޭނެ އެވެ. ފީފާއިން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ޕާކިސްތާނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އޮންނާނެ ކަމަށެވެ. އެއީ އާ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބު ބާއްވައި ނިމޭނީ އެހިސާބަށް ކަމަށް ބަލާފަ އެވެ.