އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބު ލިވަޕޫލުގެ 24-2023 ގެ މާލީ ގެއްލުން 57 މިލިއަން ޕައުންޑަށް އަރައިފިއެވެ.
2024 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން ލިވަޕޫލަށް 57 މިލިއަން ޕައުންޑްގެ ގެއްލުމެއް ލިބިފައިވާއިރު، މިއީ އޭގެ ކުރީ 12 މަސް ދުވަހުގެ ތެރޭގައި ލިބުނު ގެއްލުމަށް ވުރެ 48 މިލިއަން ޕައުންޑް އިތުރު އަދަދެކެވެ.
ނަމަވެސް ލިވަޕޫލުގެ ޖުމްލަ އާމްދަނީ 2023-24 ވަނަ އަހަރު 20 މިލިއަނުން 614 މިލިއަން ޕައުންޑަށް އިތުރުވެ، ވިޔަފާރީގެ އާމްދަނީ 36 މިލިއަން ޕައުންޑުން 308 މިލިއަން ޕައުންޑަށް އިތުރުވިއެވެ.
މިއީ ލިވަޕޫލުން އަހަރީ މާލީ ހިސާބުތަކުން 300 މިލިއަން ޕައުންޑަށް ވުރެ ބޮޑު ވިޔަފާރީގެ އާމްދަނީއެއް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. މިއީ މައިގަނޑު ގޮތެއްގައި ޕާޓްނަޝިޕްތަކާއި ރީޓެއިލް ދާއިރާއިން ލިބިފައިވާ ކުރިއެރުމެކެވެ.
2023-24 ވަނަ އަހަރު ޖާގަން ކްލޮޕް ކޯޗުކަމުގެ އެންމެ ފަހު ސީޒަނުގައި ކަރަބައޯ ކަޕް ކާމިޔާބުކޮށް، ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައި އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ.
ލިވަޕޫލުން ސީނިއާ ފިރިހެން ސްކޮޑަށް އާ ހަތަރު ކުޅުންތެރިން އިތުރުކޮށްފައިވާއިރު، ޓްރާންސްފާ ފީއަށް ގާތްގަނޑަކަށް 165 މިލިއަން ޕައުންޑް ހަރަދުކޮށްގެން އެލެކްސިސް މެކްއެލިސްޓާ، ޑޮމިނިކް ޝޮބޮސްލައި، ވަޓަރޫ އެންޑޯ އަދި ރަޔަން ގްރެވެންބާޚް ވަނީ އެކުލަބަށް ގެނެސްފައެވެ.
އެއީ 2016-17 ވަނަ އަހަރަށް ފަހު އެ ކްލަބުން ޗެމްޕިއަންސް ލީގުގައި ނުކުޅެވުނު ފުރަތަމަ ސީޒަނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މީޑިއާ އާމްދަނީ 38 މިލިއަން ޕައުންޑުން ދަށްވެ 204 މިލިއަން ޕައުންޑަށް ވެއްޓުނެވެ.