ރަމަޟާން މަހަށް ބާޒާރުމަތި ވަނީ ތިޔާޤިވެފައެވެ. ގިނަ ބާވަތްތަކެއްގެ ތަރުކާރީއާ މޭވާ ބާޒާރުން ލިބެން ހުރި އިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރޯދަމަހަށް ތަކެތީގެ އަގުތަކަށް ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ.
އެހެން އަހަރުތަކުގައި ރޯދަމަހަށް އެންމެ ބޮޑަށް އަގު އުފުލޭ އެއް ބާވަތަކީ މިރުހެވެ. އެގޮތުން އެހެން އަހަރުތަކުގައި 100 ގުރާމް މިރުސް 80ރ އަށްވެސް އުފުލިފައިވެއެވެ. އެހެން ނަމަވެސް މިއަހަރުގެ ރަމަޟާން މަހަށް މިރުސް ބާޒާރުގައި ފެންނަނީ ވަރަށް ތިޔާޤިކޮށެވެ. އެގޮތުން ބާޒާރުގައި 100 ގުރާމް މިރުސް ހުރީ 20ރ އާއި 25ރ އާ ދެމެދުގެ އަގުތަކެއްގައެވެ.
ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތަކީ ކަރާއެވެ. މިއަހަރުގެ ރޯދަމަހަށް އެކި ރަށްރަށުން މާލޭގެ ބާޒާރުތަކަށް ވަނީ ކަރާ ގެނެސްފައެވެ. މިއާއެކު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު މިއަދު ހުރީ ކިލޯއެއް 20ރ އާއި 25ރ ދެމެދުގައެވެ. ރީނދޫކަރާ ކިލޯއެއް އަގު އުޅެނީ 30 ރުފިޔާގައެވެ.
ބާޒާރުގައި މިއަހަރު ފަތްޕިލާވެލީގެ ބާވަތްތައް ވަރަށް ތިޔާޤިކަން ފާހަގަކޮށްލެވެއެވެ. ބާޒާރުގައި މިއަދު ލެޓިއުސް ކިލޯއެއްގެ އަގު އުޅެނީ 80ރ އާއި 90ރ އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި 3 ފަތުގެ ކޮޕީފަތް ބޮޑިއެއް ލިބެން ހުރީ 10ރ އަށެވެ.
ލުނބޯއަކީ ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތެވެ. މިއަހަރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 40ރ އާއި 45ރ އާ ދެމެދުގެ އަގުތަކެއްގައެވެ.
މިއަހަރުގެ ރޯދަމަހާއި މިދިމާވަނީ ރާއްޖެއަށް އަނބު މޫސުމާއެވެ. ބާޒާރުގައި ދިވެހި އަނބު ތިޔާޤިކަން ފާހަގަކޮށްލެވެއެވެ. މިއަދު ބާޒާރުގައި އަނބު ކިލޯއެއް ލިބެން ހުރީ 90ރ އާއި 100ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.
މިއަަަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ވަނީ ގިނަ ތައްޔާރީތަކެއްވެފައެވެ. އެގޮތުން އަގު އުފުލެމުންދިޔަ ބައެއް ބާވަތްތައް ރާއްޖެ އެތެރެކޮށް، އަގުހެޔޮކޮށް އެސްޓީއޯއިން ވިިއްކަން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ފިޔާ، އަލުވި، ބިސް، ލުނބޯ ކާށި ފަދަ އަސާސީ ތަކެތި އެސްޓީއޯއިން ވިއްކަމުންދަނީ މީގެކުރިން ބާޒާރުގައި އެތަކެތި ވިއްކަމުންދާ އަގަށްވުރެ މާ ހެޔޮކޮށެވެ.
އިޤްތިޞާދީ ވުޒާރާއިން ކުރާ މަސައްކަތުގެ ތެރެއިން، ބާޒާރުގައި އަސާސީ މުދަލުގެ ގޮތުގައި 141 ބާވަތެއްގެ މުދާ މޮނީޓަރކުރެއެވެ. މިބާވަތްތައް ކަނޑައަޅާފައިވަނީ ބައިނަލްއަޤްވަމީ އިދާރާތަކުން އަސާސީ ބާވަތްތައް ކަނޑައަޅާ މިންގަނޑަށާއި، ރާއްޖެއަށް އެތެރެކޮށް އާންމުކޮށް ބޭނުންކުރާ ބާވައްތަކުގެ ތަފާސްހިސާބުތަކަށް ރިޢާޔަތްކޮށެވެ.
ސަރުކާރުން އެސްޓީއޯއާއި ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ރޯދަމަހަށް ތައްޔާރުވުމުގެ މަސައްކަތް ފެށިއެވެ. ރާއްޖެއަށް ގަނޑުކޮށް މުދާ ގެންނަ ފަރާތްތަކާއެކުވެސް މަސައްކަތްތަކެއް ފެށިއެވެ. އެފަރާތްތަކަށް ދިމާވާ ދަތިތައް ބަލައި އަވަސްހައްލުތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރެއެވެ.