ކުޅިވަރު

އޭޝިޔާ ކަޕަށް ޕާކިސްތާން އިންޑިޔާ އަށް ނުދާނެ


އަންނަ ސެޕްޓެމްބަރު މަހު އިންޑިޔާގައި ބާއްވާ އޭޝިޔާ ކަޕް ފުޓްބޯޅަ މުބާރާތް ޕާކިސްތާނުގެ ގައުމީ ޓީމު އިންޑިޔާ އަށް ނުދާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

އަށް ގައުމު ވާދަކުރާ މުބާރާތަށް ޕާކިސްތާން އިންޑިޔާ އަށް ނުދާން ބޭނުންވަނީ އިންޑިޔާއިން އަމަލުކޮށްފައިވާ ގޮތުންނެވެ. ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް އިންޑިޔާއިން ނިންމީ އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވުމަށެވެ. މިހެންވެ އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅެން ނިންމާފައިވަނީ ދުބާއީގަ އެވެ.

މިހާރު މުބާރާތުން ޕާކިސްތާން ކަޓާފައިވުމާއި އިންޑިޔާ ފައިނަލަށް ހިނގައްޖެނަމަ ފައިނަލް މެޗު ވެސް ދުބާއީ އަށް ބަދަލުކުރާނެ އެވެ. މި މުބާރާތުގައި އިންޑިޔާއާއެކު ކުޅެން އޮތް މެޗަށް ޕާކިސްތާން ވެސް ޖެހުނީ ދުބާއީ އަށް ދާށެވެ. މިހެންވެ އެ ގައުމުން ގަބޫލުކުރަނީ ބޮޑު ހަރަދުތަކެއްކޮށްގެން މުބާރާތް ބޭއްވުމުގެ މަގްސަދު ހާސިލްނުވާ ކަމަށެވެ

އޭޝިޔާކަޕް އިންޑިޔާގައި ބާއްވާއިރު ޕާކިސްތާން އެ ގައުމަށް ދާން ބޭނުންނުވަނީ މިހެންވެ އެވެ. މިކަމާހުރެ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން މިހާރު ދަނީ މުބާރާތް އެހެން ގައުމަކަށް ބަދަލު ކުރުމަށް ވިސްނަމުންނެވެ. ފަހަރުގައި އެއީ ދުބާއީ ނުވަތަ ސްރީލަންކާ ކަމުގައިވުން އެކަށީގެންވެ އެވެ.
މިކަމާ ގުޅިގެން އިންޑިޔާއިން އަދި މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ޕާކިސްތާނާއި އިންޑިޔާގެ ގުޅުން ވަރަށް ބޮޑަސް ގޯސްވެ 2012 ވަނަ އަހަރުގެ ފަހުން އިންޑިޔާއިން ޕާކިސްތާނަށް ނުދެ އެވެ. އަދި މިދިޔަ އަހަރު އިންޑިޔާގައި ބޭއްވި ވޯލްޑްކަޕަށް ޕާކިސްތާން ދިޔައީ ވެސް އެންމެ ފަހު ވަގުތު އެވެ. ނަމަވެސް ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިޔާ އަށް އެތެރެވުމުގައި އެ ގައުމުގެ ކުޅުންތެރިންނާއި ޓީމުތަކާއި އޮފިޝަލުންނަށް އިންޑިޔާއިން ވަރަށް ގިނަ ފިއްތުންތައް ކުރިމަތިކުރެ އެވެ.