ދާޚިލީ ސަލަމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނުގެ އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލައިފިއެވެ.
ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް ދާޚިލީ ވަޒީރު ޢަލީ ޢިޙްސާންގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައިގަ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވަޒީރަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުޞަތުދެއްވާފައެވެ. އަދި އެފުރުޞަތުގައި ވަޒީރު ވަނީ އެމަނިކުފާނަށް ތުހުމަތުކޮށް އެމްޑީޕީން ހުށަހަޅާފައިވާ މައިގަނޑު ކަންކަމަށް ރަށްދުދެއްވައި މައްސަލައަށް ޖަވާބުދާރީ ވެވަޑައިގެންފައެވެ.
ވަޒީރު އިޙްސާންގެ އިތުބާރުނެތްކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި، ވަޒީރަށް އިތުބާރު ނެތްކަމަށް އިދިކޮޅު 11 މެންބަރުން ވޯޓުދެއްވިއިރު، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިތުބާރުނެތް ކަމުގެ މައްސަލަ ފާސް ނުކުރުމަށެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގައި ދާޚިލީ ވަޒީރުގެ މަޤާމަށް އެމަނިކުފާނު އައްޔަންކުރެއްވުމަށް ފަހު، ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުވުމުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އޭރުވެސް އެމަނިކުފާނަށް ރުހުން ނެތްކަން ހާމަކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އަހަރެއްހާ ދުވަހުގެތެރޭގައި ޤާނޫނު ތަންފީޒުކޮށް ޤައުމަށް އަމާންކަން ގެނައުމަށް ކުރެވިފައިހުރި މަސައްކަތްތައް ފެނުމުން އިދިކޮޅު ފަރާތްތަކަށް ދާޚިލީ ވަޒީރުގެ އިތުބާރު އޮންނާނެކަމަށް ގަބޫލުނުކުރެވޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މަޖިލީހުގައި މިއަދު ވިދާޅުވެފައެވެ.