ޚަބަރު

ފުނަދޫ ދައްފަޅުގައި ތަރައްޤީކުރާ ޓޫރިސްޓް ހޮޓަލާއި އީކޯ ޕާކުގެ މަސައްކަތް މި އަހަރު ފަށަނީ


  • އެތަނުގައި 300 އެއްހާ ރޫމް ތަރައްޤީ ކުރެވޭނެ

  • ދިރާސާތަކަށްފަހު ވަރަށް އަވަހަށް އިންވެސްޓަރުންނަށް ހުޅުވާލެވޭނެ

ށ. ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލާއި އީކޯ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫގައި އޮންނަ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ޚާއްޞަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއް ގޮތަށް އުފެދިފައިވާ، މި ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް އާދެއެވެ. މިފަޅުތެރޭގައި ބޮޑެތި ކަކުނި، މަޑް ކްރޭބް އާލާވެއެވެ.

މި ފަޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދީގެން މި ފަޅު ހިމެނޭ ސަރަޙައްދަކީ އީކޯ ޓޫރިޒަމް ތަރައްޤީ ކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފުނަދޫގެ ދައްފަޅު އެއްބައި ނޭޗަރ ޕާކަކާއި އަނެއްބައި އިކޯ ޓޫރިޒަމަށް ފަހިވާގޮތަށް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، މި އަހަރުގެ ލޭންޑު ޔޫސް ޕްލޭންގައި ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން ފެށޭނެގޮތެއް ހޯދަމުންދާކަމަށެވެ. އަދި ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރައްޤީކުރާނެ ގޮތުގެ މާގު ޗާޓު އެކުލާވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރަށާއި އިން ވެގެން އޮތް ދައްފަޅުގެ އިރުމަތީ ފަރާތަކީ 3 ލައްކަ އަކަފޫޓުގެ ތަނެއް. އެތަނުގައި 300 ރޫމް ނުވަތަ 200 ރޫމްގެ ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށް ރޫމް އެޅިގެން ދާނެ. އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް 6 މަހެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް." އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.

އަހުމަދު އިބްރާހިމް ވިދާޅުވީ، މި މަސައްކަތް ކުރުމުގެ ޝަޢުގުވެރިކަން މިހާރުވެސް އެކި ފަރާތްތަކުން ފާޅުކުރަމުންދާކަމަށެވެ. އަދި މި މަސައްކަތް ބޭނުންވާ ދިރާސާތަކަށްފަހު އިންވެސްޓަރުންނަށް ވަރަށް އަވަހަށް ހުޅުވާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ހިމެނޭ އީކޯ ޕާކުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރާއިރު، ތަފާތު މޫދު ކުޅިވަރުތައް ކުޅުމާއި، އަދި މި ތަނަށް އަންނަ ފްލެމިންގޯ ފަދަ ދޫނިތައް ބަލާނެ ޕްލެޓްފޯމަކާއި ބޮޑެތި ކަކުނިތައް (މަޑް ކްރޭބް) އާލާ ކުރާނެ މަރުކަޒުތަކާއި ފްލޯޓިން ރެސްޓޯރެންޓެއްވެސް ހިމެނޭނެއެވެ.

ފުނަދޫ ކައުންސިލުގެ އުއްމީދަކީ މިތަނަށް އަންނަ މީހުންނަށް އެތަނުގެ ގުދުރަތީ ހިތްގައިމުކަން ތަޖުރިބާކޮށްލެވޭނެ މަންޒިލަކަށް މިތަން ވެގެންދިއުމެވެ.

މި މަޝްރޫޢު މިގޮތަށް ފަރުމާ ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އިޤްތިޞާދީ ނަފާ ހޯދުމުގައި ގުދުރަތީ މުއްސަނދިކަން ރައްކާތެރި ކުރެވި، ހިމާޔަތްކުރެވި ދެމެހެއްޓެނިވި ގޮތުގައި މި ސަރަޙައްދު ބޭނުންކުރެވޭނެ ގޮތަށް، ރަނގަޅަށް ފަރުމާ ކުރެވި، ތަރައްޤީކުރުންކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ.