ޚަބަރު

އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އެވަޓަން އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ 31 ޕޮއިންޓާއެކު ތާވަލުގެ 12 ވަނަ މަގާމު ލިބިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ 15 ވަނައިގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެވަޓަންގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ ކުޅުން ރަގަޅުކޮށްފަ އެވެ.

މި މެޗުގެ 19 ވަނަ މިނިޓުގައި އެވަޓަންގެ ބެޓޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އެވަޓަން އަށް ލިބުނު ކޯނަރެއް މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ސާފުކޮށް ނުލެވެނީސް އެ ބޯޅަ ލިބުމުން ބެޓޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

އަދި އޭގެ 14 މިނިޓު ފަހުން އެވަޓަންގެ އަބްދުالله ޑޯކޯރޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑުގައިވެސް އެވަޓަންގެ ބެޓޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 2-0 ގެ ނަތީޖާއަކުން އެވަޓަން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 15 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ ކަސެމީރޯގެ ބަދަލުގައި އަލެހަންދްރޯ ގަރްނާޗޯ ކުޅެން އަރުވާފަ އެވެ.

ޔުނައިޓެޑަށް ގެނައި މި ބަދަލާއެކު އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުވެ އެވަޓަންގެ ޑިފެންސަށް ވަނީ ބާރުބޮޑުވެފަ އެވެ.

މި މެޗުގައި ޔުނައިޓެޑުން ފުރަތަމަ ލަނޑެއް ޖަހާފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭޒް އެވެ. މި ލަނޑާއެކު އެ ޓީމުގެ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބި އިދިކޮޅު ޓީމުގެ ގޯލަށް ވަނީ ނުރައްކާ ކޮށްފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް މެނުއެލް އުގާޓޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑާއެކު ދެ ޓީމުންވެސް އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި އެވަޓަންގެ އެޝްލީ ޔަންގްއަށް ފައުލް ކުރި ކަމަށްބަލާ ރެފްރީ ފުރަތަމަ އެވަޓަން އަށް ޕެނަލްޓީ އެއް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު އޭނާ ޑައިވް ކުރި ކަމަށް ބަލާ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް އަށް ކޮންމްވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ނަމަވެސް މިއީ އެވަޓަން އަށް ތިން ޕޮއިންޓު ހައްގުވާފަދަ މެޗެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.