ރާއްޖޭގައި ޑަޔަލަސިސްގެ ފަރުވާ ހަރުދަނާކުރުމަށް މެޑްޓެކް މޯލްޑިވްސްގެ އިސްނެގުމާއެކު ހީމޯޑަޔަލަސިސްގެ ޚާއްސަ ކޮންފަރެންސެއް ފަށައިފިއެވެ.
ކިޑްނީގައި މައްސަލައެއް ދިމާވެއްޖެނަމަ ދެވޭ ފަރުވާއެއްކަމުގައިވާ ހީމޯޑަޔަލިސިސްއާ ބެހޭ ގޮތުން ކުރިއަށްގެންދާ މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރެވެ. މި ކޮންފްރެންސަކީ މެޑްޓެކް މޯލްޑިވްސްއިން ޖަޕާނުގެ ނިޕްރޯ ކޯރޕަރޭޝަނާއި، ރާއްޖޭގެ ނެފްރޮލޮޖީ އެކްސްޕާޓުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޚާއްސަ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އޭޑީކޭ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ސިންގަޕޫރުގެ ރޭނަލް ހެލްތު ސަރވިސަސްގެ ސީނިއަރ ކޮންސަލްޓަންޓް އަދި އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ބެހްރާމް އޭ. ޚާން، އޭނާގެ ތަޖުރިބާއާއި، އަމިއްލައަށް ޑަޔަލަސިސްގެ ކަންކަން ކުރިއަށްގެންދިޔުމުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތަކާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރާނެކަމަށް މެޑްޓެކްއިން ބުނެއެވެ.
"މެޑްޓެކް - ނިޕްރޯ ހީމޯޑަޔަލިސިސް ކޮންފަރެންސް އެންޑް ޓްރެއިނިންގ" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ، މި ކޮންފަރެންސަކީ ހިތާއި ކިޑްނީގެ އެކި ބަލިތަކަށް ރާއްޖޭގައި ދެވޭ ފަރުވާ ހަރުދަނާކުރުމުގެ މަޤުޞަދުގައި ކުރިއަށްދާ ޚާއްސަ ކޮންފަރެއްސެއް ކަމަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަކަން ފާހަގަކުރައްވައި ޑރ. ޝާހު މާހިރު ވިދާޅުވީ، އެ ގުރޫޕުގައި ހިމެނޭ ހޮސްޕިޓަލުތަކުން ދެވޭ ފަރުވާގެ ފެންވަރު ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއްދޭކަމަށެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއެކު މީހުން ތަމްރީންކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން މުހިންމުކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
ޑރ. ޝާހު ވިދާޅުވީ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރި ނަމަވެސް، މި ކަމަށް އެތައް ޚަރަދެއް ހިނގާ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވަނީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށްކަމަށް ޝާހު ވިދާޅުވިއެވެ. އަދި ހިތުގެ ބަލިތަކަށްވެސް އަލާމާތްތައް އަވަހަށް ދެނެގަނެ ދުރާލާ ފަރުވާކުރުން މުހިންމުކަމަށާއި މި ކަމަށް ހޭލުންތެރިކުރުމަށް އިސްކަންދެއްވާނެކަމަށް ޝާހު ވިދާޅުވިއެވެ.
"ބަލިތަކަށް ފަރުވާދޭއިރު އަޅުގަނޑުމެން ހަމައެކަނި ފެންވަރު ރަނގަޅު ޓެކްނޮލޮޖީ ބޭނުންކުރުމާއި މީހުން ތަމްރީންކުރާކަށެއް ނޫން އިސްކަންދޭވާނީކީ. ފަރުވާ ދޭން އެކަށޭނަ އިމާރާތެއް ބިނާކުރުމަށްވެސް އިސްކަންދޭންޖެހޭނެ. އަދި ހަރުދަނާ ޑޭޓާ ނިޒާމެއްވެސް ހުންނަން އެބަޖެހޭ. އޭރުން ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދިމާވާ އެކި ކަންކަން ދެނެގަނެވޭނެ." ޑރ. ޝާހު ވިދާޅުވިއެވެ.
"ހީމޯޑަޔަލިސިސް ކޮންފަރެންސް"ގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޮންފަރެންސްގައި މަޢުލޫމާތު ދިނުމާއި އެކި މަޝްވަރާތައް ކުރިއަށްދާނެއެވެ. އެގޮތުން އެކިކަހަލަ ނޭދެވޭ މާއްދާތައް ހަށިގަނޑު ބޭރުކުރުމަށް ދެވޭ ހީމޯޑަޔަފިލްޓްރޭޝަން ފަރުވާއާއި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމާއި، ކެންސަރާ ބެހޭ ގޮތުން މަޝްވަރާކޮށް މި ކޮންފަރެންސްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މެޑްޓެކުން ބުނެއެވެ.
މި ދާއިރާއިން ދިވެހިން ތަމްރީންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭ 100 ނަރުހުން ތަމްރީންކުރުމަކީ މެޑްޓެކްގެ އަމާޒެކެވެ. ޞިއްޙީ ދާއިރާއިން އީޖާދީ ލުއިގޮތްތައް ދިވެހިންނަށް ތަޢާރަފުކޮށްދީ، ޒަމާނީ އާލާތްތައް ފޯރުކޮށްދިނުމުގައި 16 އަހަރުވެފައިވާ މެޑްޓެކްއަކީ ރާއްޖޭގައި ޑަޔަލަސިސްގެ ފަރުވާ ޒަމާނީކޮށް ހަރުދަނާކުރުމުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ.