ހައްދުންމަތީ ގަމުގެ އިހްތިސާސަސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބަދަލު ގެންނަވައިފިއެވެ.
އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ނެރުއްވި، ޤަރާރަކުންނެވެ.
މިގަރާރުގައިވާ ގޮތުން މިބަދަލު ރައީސުލްޖުމްހޫރިއްޔާ ގެންނެވީ 2020 ވަނަ އަހަރުގެ މާރޗްމަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން އެކަށައަޅާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅާފައި އޮތްގޮތަށް ބަދަލު ގެންނަ ޖެހިއްޖެކަމަށް ފެނިވަޑައިގަންނަވާތީއެވެ.
އެހެންކަމުން ކައުންސިލަށް ކަނޑައަޅާފައިވާ އިހްތިސާސްގެ ތެރޭގައި ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭނަމަ އެކައުންސިލެއްގެ އިހްތިސާސުން އެރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިވެގެންދާނެއެވެ. އަދި ފަޅު ރަށުގެ ބައެއް ދެ ކައުންސިލްގެ އިހްތިސާސަށް ވަންނަނަމަ އެފަޅު ރަށެއްގެ އިހްތިސާސް އެދެ ކައުންސިލްގެ އިހްތިސާސުން ވަކިވެގެންދާނެއެވެ.
ހައްދުންމަތީ ގަމުގެ އިދާރީ ދާއިރާގެ އިހްތިސާސަށް ބަދަލު ގެނެސް އެބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.