ރަމަޟާންމަހާ ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ، ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޟޫއަކީ "ރަމަޟާންމަހަށް ތައްޔާރުވުން" މިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުންކަމަށެވެ. އަދި ރޯދަހިފަން ޖެހޭ ގޮތަށް ރޯދަ ނުހިފާނަމަ، ރޯދައިގެ މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެކަމަށެވެ.
ރަމަޟާންމަހާ ކުރިމަތިލާންވާނީ އެ މައްސަރުގެ ތަރުބަވީ މަދަރުސާއިން ނަފުސުތައް އިޞްލާޙުކޮށް، ޙަޔާތުގެ އާ ޞަފުޙާތަކެއް ހުޅުވައިލުމުގެ މަތިވެރި ޢަޒުމާއެކުގައިކަމަށް ޙުޠުބާގައި ވިދާޅުވިއެވެ. ނަފުސު ހެޔޮ ކަންކަމަށް ތަރުބިޔަތުކޮށް، ހޭނުވުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި ރަމަޟާންމަހަކީ ތަޤުވާވެރިކަމަށް ވާޞިލުކޮށްދޭ ހުރިހައި ސަބަބުތަކެއް އެ މަހެއްގައި ޖަމާވާ މައްސަރެއްކަން ވަނީ ހަނދާންކޮށްދީފައެވެ.
"އާދަމުގެ ދަރިޔާގެ ހުރިހައި ޢަމަލުތަކެއް ވަނީ އޭނާއަށެވެ، ރޯދަ ފިޔަވައެވެ. އެ ރޯދަ ވަނީ ތިމަންރަސްކަލާނގެއަށެވެ، އެ އަށް ޖަޒާދެއްވާ ހުށީ ތިމަންރަސްކަލާނގެއެވެ. ރޯދައަކީ ރައްކާތެރިކަމެކެވެ. (އެބަހީ: ނަރަކައިން ދުރުކޮށްދޭކަމެކެވެ.) ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު އެއްދާންނުކުރާށެވެ، އަދި ބޭކާރު ވާހަކަނުދައްކާށެވެ، ފަހެ ރޯދައަށް ހުންނަ ހިނދު، މީހަކު ތިބާއާ ޒުވާބެއް ކޮށް ގޯނާއެއް ކުރިޔަސް ތިމަން މިހުރީ ރޯދައަށޭ ބުނާށެވެ، ތިމަންކަލޭގެފާނުގެ ނަފުސު އެ ފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ.
ޚުޠުބާގައި ވިދާޅުވީ މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ، ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ޙާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށެވެ. އަދި ރަމަޟާންމަހާ ބައްދަލުކުރާއިރު އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ޙާޞިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ގޮވާލައްވާ ޚުތުބާގައިވަނީ އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށް ވެސް މި ދުވަސްތަކުގައި ދަރުމައާއި ސަވާބު ޙާޞިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަރާ ބައްދަލުވުމުގެ ކުރީން ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ނުހިފިވާނަމަ، އެ ރޯދައެއް ހިފުމަކީ ވާޖިބު ކަމެއްކަން ހަނދާންކޮށްދެއްވާ ޚުތުބާގައިވަނީ ރޯދައިގެ މަތިވެރި އަޖުރުން އެއްވެސް މިންވަރެއް އުނިނުވެ، ރޯދަހިފޭނޭ ގޮތަކަށް އަހަރެމެން ރޯދަމަހާ ބައްދަލުކުރުމަށް ތައްޔާރު ވާންޖެހޭކަމަށް ވިދާޅުވެފައެވެ.
"މީހަކު ﷲއަށް ޓަކައި ރޯދައެއް ހިފައިފި ނަމަ، އެ މީހެއްގެ މޫނު ނަރަކައާ ހަތްދިހަ ޚަރީފު (އެބަހީ: ހަތްދިހަ އަހަރުގެ) ރާސްތާއަށް ﷲ تَعَالَى ދުރުކުރައްވާނެތެވެ." ރޯދައިގެ ދަރުމައާއި ޘަވާބު މިހައި މަތިވެރިވެގެންވީ އިރު، ފުރިހަމަ ގޮތުގައި މި އަޅުކަން އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. ރޯދައަށްހުރެ، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރައިރުންވުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، އެ ފަދަ ވާހަކަތައް އަޑުއެހުމަކީ ވެސް ރޯދައިގެ ޘަވާބަށް އުނިކަން އަންނާނޭ ކަންކަމެވެ."
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބަދަލުކުރަންވީ ހަމައެކަނި ގޭތެރޭގެ ފަރުނީޗަރުތަކާއި، ކެއުންބުއިމަށް އަންނަ ބަދަލުތަކެއް ނޫންކަމަށާއި، އެމައްސަރަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
އަދި ރަމަޟާންމަހަކީ ވިޔަފާރީގެ ފައިދާ އިތުރަށް ހޯދުމުގެ މަހަކަށް ނުހަދައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ އެ މައްސަރުގެ ދަރުމަ ހޯދުމަށް މަސައްކަތްކުރުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.