ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި "ހާލު ކިހިނެއް؟" ޕްރޮގްރާމް މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ ށ. ފުނަދޫގައި ހާލުކިހިނެއް ޕްރޮގްރާމް ފެށުމާގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ ހާލުކިހިނެއް؟ ޕްރޮގްރާމް ފެށިގެން ކުރިއަށް ދާއިރު ކައުންސިލްތަކާއި ގުޅިގެން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކައުންސިލާއި މުއައްސަސާތަކާއި ގުޅިގެން މަޝްވަރާކުރެވި އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ވިދާޅުވިއެވެ. އަދި މިކުރެވޭ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ ހާލުކިހިނެއް ޕްރޮގްރާމް އަތޮޅުތެރެއަށް ފުޅާކުރެވި ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.
" މިހާރު އަޅުގަނޑުމެން އަތޮޅު ތެރޭގައި މިޕްރޮގްރާމް ހިންގާއިރު. މިއަހަރު ނިމޭއިރު ހުރިހާ އަތޮޅެއް ކޮމްޕްލީޓް ކުރެވޭނެ. އަދި ޒިޔާރަތް ކުރުމެއް ނޫން އެ އާއިލާތަކާއެކު މަސައްކަތް ކުރުންވެސް ހިމެނޭ. އަދި އަންނަ އަހަރު ގްރޭޓަރ މާލެ އޭރިއާގެ ގެތަކަށް ޒިޔާރަތްކޮށް މަސައްކަތް ކުރެވޭނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން އާއިލާތައް ވަރަށް ބޮޑަށް ބާރުވެރިވެގެން ދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އޯގާތެރި މުޖްތަމަޢެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.
އޯގާތެރި މުޖްތަމަޢެއް ބިނާ ކުރުމަށް އެވުޒާރާއިން ކުރަމުން އަންނަ މިމަސައްކަތަށް ރަށްރަށުގެ ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ މިއީ މިމަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. ހާލުކިހިނެއް ޕްރޮގްރާމަކީ ވަރަށް ޒިންމާދާރުކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށާއި، މިޕްރޮގްރާމް މެދުވެރިކޮށް ނެގޭ މައުލޫމާތު ވަރަށް އަމާނާތްތެރިކަމާއެކު ބަލަހައްޓާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އާއިލާތަކަށް ބޭނުންވާ އެހީތެރިކަންވެސް ކައުންސިލާއި މުއައްސަސާތަކާއި ގުޅިގެން އެއްހަމައެއްގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި "ހާލު ކިހެނެއް؟" ޕްރޮގްރާމާ ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ފަރާތްތަކުން ބުނީ ނާޒުކު ހާލަތްތަކުގައި ތިބި އާއިލާތަކުގެ ހާލަތު ގާތުން ބެލުމަށް ކުރާ މިމަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއްކަމަށެވެ.
"ހަގީގަތުގައި ވަރަށް ރަނގަޅު މަސައްކަތެއް. ރައްޔިތުންގެ ހާލަތު ގާތުން ބެލުމަށް ސަރުކާރަކުން މިހެން މަސައްކަތް ކުރާތީ ވަރަށް އުފާވޭ" ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ފަރާތްތަކުން ބުނެއެވެ.
ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އެގޮތުން މިހާތަނަށް މާލޭ ސިޓީގެ އިތުރުން، 13 އަތޮޅެއްގެ ރަށްރަށުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށްވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިހާތަނަށް 1200 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ހާލަތު ބަލާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.