ކުޅިވަރު

ބޭނުންވަނީ ހިތްގައިމު ސަޕޯޓަކާއި ރީތި ކުޅުމެއް- ޑިޝޯމްޕް


މިރޭގެ މެޗްގައި އެންމެ ދެކެންބޭނުންވާ އެއް މަންޒަރަކީ މެޗްކުޅޭ ސްޓޭޑިއަމުން ހިތްގައިމު ސަޕޯޓަކާއި ރީތި ކުޅުމެއް ކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑިޝޯމްޕް ބުނެފިއެވެ. 

ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ޤައުމު ފްރާންސް މިރޭ އައިސްލޭންޑާ ދެކޮޅަށް ކުޅޭ ކުއާޓާފައިނަލް މެޗުގެ ކުރިން ކޯޗް ޑިޝޯމްޕް ބުނީ އައިސްލޭންޑްގެ ސަޕޯޓަރުންނަކީ ވަރަށް ގޮތުގައި ވަރަށް ރޫޙޫގައި ސަޕޯޓްކުރާ ސަޕޯޓަރުންތަކެއް ކަމަށާއި ހަމަ އެމަންޒަރު މިރޭ ފްރާންސްގެ ރައްޔިތުންވެސް ދައްކައިފިނަމަ ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެކަމަށެވެ. 

ދެލަނޑު އެއްލަނޑުން އިންގްލެންޑް ބަލިކޮށް އައިސްލެންޑްގެ ތާރީޚުގައި އަނެއްކާވެސް ކުރިމަތިލާ އެންމެ ބޮޑު މެޗަށް އެޓީމުވެސް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށާއި އެކޮލިޓީ ހުރި ކުޅުންތެރިން އައިސްލެންޑް ޓީމުގައި އެބަތިބިކަމަށް ކޯޗް ޑިޝޯމްޕް ބުންޏެވެ. މިފެންވަރުގެ މުބާރާތެއްގައި އަލަށް ވާދަކުރާ ޓީމެއް ކުއާޓާފައިނަލްގައި ވާދަކުރުމީ ހައިރާންވާންޖެހޭ ކަމެއް ކަމަށާއި ޔަޤީނުންވެސް މިހާހިސާބަށް ޓީމެއް ދަތުރުކުރާނީ މޮޅެތި ކުޅުންތެރިން ތިބީތީ ކަމަށް މިމުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ ފްރާންސްގެ ކޯޗު ބުންޏެވެ. 

އައިސްލެންޑްގެ ކެޕްޓަން އެރޯން ގަނާސަން ބުނީ ބޮޑެތި ކުލަބްތަކަށް ކުޅޭ ހުނަރުވެރި ކުޅުންތެރިންތިބި ޓީމަކީ އަބަދުވެސް ބޮޑު ޓީމެއްގެ ގޮތުގައި ދެކޭ ކަމަށާއި އެއީ ޚުދު އައިސްލެންޑްގެ ހުރިހާ ކުޅުންތެރިންވެސް ޤަބޫލުކުރާ ޙަޤީޤަތެއްކަމަށެވެ. ނަމަވެސް އެފަދަ ޓީމަކާ ދެކޮޅަށް އައިސްލެންޑް ނިކުންނާނީ އައިސްލެންޑްގެ ގޮތުގައި ކަމަށާއި ފްރާންސް މެޗު ވެގެންދާނީ އައިސްލެންޑް މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިހާނަށްކަމަށް އޭނާ ބުންޏެވެ. 

މެޗަށް މުޅި ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެކަމަށް ކެޕްޓަން ގުނާސަން ބުންޏެވެ. ކުއާޓާފައިނަލް ފަހުމެޗްގައި މިރޭ ފްރާންސާއި އައިސްލޭންޑް ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެގަޑިން ބާރަޖަހާއިރުއެވެ. މިމެޗްގެ ޕްރީ ޝޯވް ޔެސް ޓީވީން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އެގާރަ ޖަހާއިރުއެވެ.