ޚަބަރު

ޗައިނާގެ ނުފޫޒު ކުޑަނުކޮށްފި ނަމަ ޕެނަމާއާ ދެކޮޅަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި


ޕެނަމާ ކެނޭލްގެ މައްޗަށް އޮތް ޗައިނާގެ ނުފޫޒު ކުޑަކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު ނާޅައިފި ނަމަ އެމެރިކާއިން ޕެނަމާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

ޕެނަމާ ކެނޭލަކީ ދުނިޔޭގެ ކަނޑުމަގުން ކުރާ ވިޔަފާރީގެ 2.5 އިންސައްތަ ޙިއްޞާކުރާ މައި މަގެކެވެ. އެ މަގު ހުރަސްކޮށް އަހަރަކު 14,000އަށްވުރެ ގިނަ ބޯޓު ދަތުރުކުރެއެވެ. އެމެރިކާއަށް އޭޝިއާއިން އެތެރެކުރާ ވިޔަފާރި މުދާ ގެންނަ މައި މަގަކީ ވެސް ޕެނަމާ ކެނޭލެވެ. ހަމަ އެހެންމެ އެމެރިކާއިން ބޭރުކުރާ ޤުދުރަތީ ގޭސް އޭގެ މަންޒިލާ ހަމައަށް ފޯރުކޮށްދޭ މައި މަގަކީ ވެސް ޕެނަމާ ކެނޭލެވެ.

ޕެނަމާ ކެނޭލްގެ މައްޗަށް ޗައިނާގެ ބޮޑު ނުފޫޒެއް އޮންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޗައިނާ ވަނީ ޕެނަމާ ކެނޭލް ހިންގުމުގައި ޗައިނާގެ އެއްވެސް ދައުރެއް ނޯންނަ ކަމަށް ބުނެފައެވެ. ޕެނަމާ ކެނޭލްގެ މައްޗަށް ޕެނަމާއަށް ޕެނަމާއަށް އޮންނަ އިސްތިޤުލާލަށް އިޚްތިރާމު ކުރާކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ދަނީ މެދުތެރޭ އެމެރިކާއާއި ކެރިބިއެންގެ ބައެއް ޤައުމުތަކަށް ރަސްމީ ދަތުރުތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ޕެނަމާއަށް ވަޑައިގަންނަވާ އޭނާ ވަނީ އެ ޤައުމުގެ ރައީސް ހޯސޭ ރައުލް މުލީނޯއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ރައީސް ޓްރަމްޕްގެ ފަރާތުން މެސެޖެއް ރައީސް މުލީނޯއަށް ފޯރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ކެރީބިއެންނާއި ޕެސިފިކް ކަނޑުން ޕެނަމާ ކެނޭލަށް ވަންނަ ދެ މައި ދޮރާށީގައި ހުންނަ ބަނދަރުތައް ބަލަހައްޓަމުންދާ ހޮންގކޮންގގެ ސީކޭ ހަޗިސަން ހޯލްޑިންގުގެ ދަށުން ހިންގާ ކުންފުންޏެއް މެދުވެރި ކޮށް, ޗައިނާއިން ޕެނަމާ ކެނޭަލަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެއީ ޕެނަމާ ކެނޭލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި އެއީ 1977ވަނަ އަހަރު އެމެރިކާއާއި ޕެނަމާއާ ދެމެދު ޤާއިމު ކޮށްފައިވާ މުއާހަދާއާ ޚިލާފު ކަމެއް ކަމަށް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ. އެ މުއާހަދާ ރައްކާތެރި ކުރުމަށް އެމެރިކާއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ. ނަމަވެސް މި ޙާލަތުގައި ޗައިނާގެ ނުފޫޒު ކުޑަ ކުރުމަށް ޕެނަމާއިން އަޅަން ޖެހެނީ ކޮން ފިޔަވަޅުތަކެއް ކަމެއް އަދި އެމެރިކާއިން ޕެނަމާއާ ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް ރޫބިއޯ ވިދާޅުވެފައެއް ނުވެއެވެ.

އެ ބައްދަލު ވުމުގައި ޕެނަމާގެ ރައީސް މުލީނޯ ވަނީ އެ ޤައުމުން ޗައިނާއާއި ޗައިނާގެ ވިޔަފާރިތަކާ އެކު ޤާއިމު ކޮށްފައިވާ އެއްބަސްވުންތައް މުރާޖަޢާ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ. ނަމަވެސް ޕެނަމާ ކެނޭލަކީ ޕެނަމާގެ މިލްކިއްޔާތުގައިވާ ތަނެއް ކަމަށާއި އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއްް ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕެނަމާ ކެނޭލްގެ ބޮޑު ބައެއް ތަރައްޤީ ކޮށްފައި ވަނީ އެމެރިކާއިންނެވެ. އަދި އެ ކެނޭލް ވަށައިގެންވާ ސަރަޙައްދުތައް އެތައް އަހަރެއް ވަންދެން ހިންގަމުން ދިޔައީ ވެސް އެމެރިކާއިންނެވެ. ނަމަވެސް 1977ވަނަ އަހަރު އެމެރިކާއާއި ޕެނަމާއާ ދެމެދު ސޮއި ކުރި ދެ އެއްބަސްވުމެއްގެ ސަބަބުން ޕެނަމާގެ ފުރިހަމަ ބާރުގެ ދަށަށް ޕެނަމާ ކެނޭލް ގެންދިއުމަށް މަގުފަހިވެގެން ދިޔައެވެ. އެގޮތުން އެ ކެނޭލްގެ ފުރިހަމަ ބާރު އެމެރިކާއިން ޕެނަމާއަށް ދޫކޮށްލީ އަހަރު ތަކެެއް ވަންދެން ދެ ޤައުމުން އެކުގައި އެ ކެނޭލް ހިންގުމަށްފަހު 1999ވަނަ އަހަރެވެ.

އެމެރިކާގެ ރައީސްކަމުގެ މަޤާމާ ދެވަނަ ފަހަރަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ ޕެނަމާ ކެނޭލް އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެ ކަން ޙާޞިލް ކުރުމަށް ބާރުގެ ބޭނުން ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މީގެ ކުރިން އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވިދާޅުވީ ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.. އެމެރިކާއާއެކު ސޮއި ކޮށްފައިވާ މުއާހަދާއާ ޚިލާފު ވެފައި ވާތީ ބާރުގެ ބޭނުން ނުކޮށް އެ ކެނޭލް އެމެރިކާގެ ބާރުގެ ދަށަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.