ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް 6.5 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ފެށުނު ހަނގުރާމައިގައި ޔަހުދީން ވަނީ އެ ސަހަރުގެ އިމާރާތްތައް ބިމާ ހަމަކޮށް ސުންނާފައި ކޮށްލާފައެވެ. ޣައްޒާގައި ދިރިއުޅޭ 2 މިލިޔަނަށް ވުރެ ގިނަ ރައްޔިތުން ވަނީ ވަންނާނެ ތަނެއް ނެތި ޙާލުގައި ޖެހިފައެވެ. މިދިޔަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސާ ދެމެދު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް މެދުކެނޑިފައިވާއިރު ގެދޮރު ދޫކޮށް އެކި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ވެފައި ތިބި އެތައް ބަޔަކު ދަނީ ހަލާކުވެ ފަޅުވެފައިވާ އެ މީހުންގެ އަވަށްތަކަށް އަލުން އަނބުރާ ދާން ފަށާފައެވެ.
ޣައްޒާ އަލުން އާރާސްތު ކުރުމަށް ކުއްލި އެހީގެ ގޮތުގައި އެތައް ބިލިޔަން ޑޮލަރެއް ބޭނުންވެއެވެ. އެގޮތުން ސުންނާފައިވެފައިވާ ޣައްޒާގެ ވެއްޓިފައިވާ އިމާރާތްތައް ސާފު ކުރުމަށް ބަރު އުޅަނދުތައް ބޭނުންވެއެވެ. ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ފޭލިގެ ތަކާއި އެއްތަނުން އަނެއް ތަނަށް ގެންދެވޭ ކެރެވެންތަކަށް ވަނީ ބޭނުން ޖެހިފައެވެ.
ފަލަސްޠީނިއަން އޮތޯރިޓީން (ޕީއޭ) ބުނީ ޣައްޒާގެ ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް 6.5 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށެވެ. ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފަށައިގަނެވޭނީ ވެސް އެއަށް ފަހުގައި ކަމަށް ޕީއޭއިން ބުނެއެވެ. އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫނު ސްޓީވް ވިޓްކޮފް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ޣައްޒާ އަލުން އާރާސްތު ކުރުމަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އަންދާޒާ ކުރައްވާފައެވެ. އެ ކަން ޙާޞިލު ކުރަން މަސައްކަތް ކުރަމުންދާ މުއްދަތުގައި ވެސް ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުން ވާނެއެވެ.
ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރުމާއެކު ޙަމާސުން ވަނީ ޣައްޒާގެ ކަންކަން ރާވައި ކުރިއަށް ގެންދިޔުމަށް އަވަސްވެގެންފައެވެ. ޙަމާސުން ބުނީ ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރުން މިހާރަށް ވެސް 200,000 ފޭލިގެއާއި 60,000 ކެރެވެން ބޭނުންވާ ކަމަށެވެ.
އޭގެ އިތުރުން ބިމާ ހަމަވެފައިވާ އިމާރާތްތައް ސާފު ކުރުމަށް ކޮންނަ އުޅަނދު ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް ވެސް ޙަމާސުން ވަނީ ފާހަގަ ކޮށްފައެވެ. އިމާރާތްތަކުގެ އަޑީގައި ތާށިވެފައި ތިބި އެތައް ހާސް ބައެެއްގެ ހަށިތައް ހޯދޭނީ އޭރުންނެވެ. އަދި އައު އިމާރާތްތައް އެޅުމަށް ބިން ހުސް ކުރެވެން ވެސް އޮތީ އެ ސަރަޙައްދުތައް ސާފު ކުރުމަށް ފަހުގައެވެ.
އދގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމު, ޑަބްލިޔުއެފްޕީން ބުނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރި ފަހުން ޣައްޒާއަށް އެތެރެކުރާ ކާބޯތަކެތީގެ ޢަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށެވެ. އެ ގޮތުން އެއްބަސްވުން ޤާއިމު ކުރުމުގެ ކުރީގެ ޢަދަދުތަކަށް ވުރެ ދެ ގުނަ ނުވަތަ ތިން ގުނަ އިތުރު ޢަދަދަކަށް ޣައްޒާއަށް މިހާރު ކާބޯތަކެތި އެތެރެ ކުރަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. ނަމަވެސް ޞިއްޙީ ސާމާނާއި ފޭލިގެފަދަ ތަކެތި ޣައްޒާއަށް އެތެރެ ކުރުމުގައި ދަތިތައް ހުރި ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަ ކުރެއެވެ. އެ ތަކެއްޗަކީ އާބާދީ ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ސާމާނު ކަމުގައިވި ނަމަވެސް ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި އެ ފަދަ ތަކެއްޗަކީ އަސްކަރީ ބޭނުމަށް ވެސް ބޭނުން ކުރެވިދާނެ ތަކެއްޗެވެ.
މިޞްރާއި ޤަޠަރާއި އުރުދުނާއި ތުރުކީވިލާތާއި ޗައިނާ ފަދަ ޤައުމުތަކުން ވަނީ ޣައްޒާއަށް އެހީވުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. ނަމަވެސް އެހީ ލިބުމުގައި ދަތިތައް ކުރިމަތި ކުރުވަނީ ޔަހޫދީން ކަމަށް ފަލަސްޠީނުން ބުނެއެވެ. ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ހުރަސް ކުރާ މައި މަގު ކަމުގައިވާ ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް އެހީގެ ސާމާނު އެތެރެ ކުރުމަށް 1,000އެއްހާ ޓްރަކު މިޞްރުގެ އަލްޢަރީޝްގައި ތައްޔާރީ ޙާލަތުގައި މިހާރު ވެސް އެބަ ތިއްބެވެ. ކާބޯތަކެއްޗާއި ބޭހާއި ޞިއްޙީ ސާމާނާއި ފޭލިގެތަކާއި ކެެރެވަންތައް ހިފައިގެން ދަތުރު ކުރާ މި އުޅަނދުތައް ޣައްޒާއަށް ވަނުމުގެ އުއްމީދުގައި ތިބި ނަމަވެސް އެ ޓުރަކުތަކަށް ޣައްޒާއަށް ވަދެވޭނެ ގޮތް އަދިވެސް ހަމަޖެހިފައެއް ނުވެއެވެ. ޓްރަކުތަކުގައި ހުރި ބައެއް ތަކެއްޗަކީ އަސްކަރީ ބޭނުމަށް ވެސް ބޭނުން ހިފިދާނެ ތަކެތި ނަމަވެސް އެ ތަކެއްޗަކީ ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ސާމާނު ކަމުގައި ޑަބްލިޔުއެފްޕީން ފާހަގަ ކުރެއެވެ.