އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެ ތާވަލުގެ ހަތަރު ވަނަ މަގާމް ހޯދައިފި އެވެ.
ލަންޑަނުގެ ދެ ޓީމުގެ ކުރިމަތިލުން ޗެލްސީން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމު ލިބިފަ އެވެ. ވެސްޓްހޭމް ޔުނައިޓެޑަށް 24 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ޗެސްޓްހޭމް އާއި ދެކޮޅަށް ޗެލްސީ ނިކުތްއިރު ވެސްޓްހޭމްގެ ކޯޗަކަށް ހުރީ ކުރިން ޗެލްސީއަށް ކޯޗު ކޮށްދިން ގްރަހަމް ޕޮޓަރ އެވެ.
ޕޮޓަރގެ އިރުޝާދުގެ ދަށުން ކުޅުނު ވެސްޓްހޭމް އިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ. އަދި ފުރަތަމަ ހާފުގައި ޗެލްސީ އަށް އުފެއްދުނު މަދު ފުރުސަތުތަކަކީ ކައުންޓަރ އެޓޭކް ތަކުގައި އެ ޓީމުން އުފައްދާފައިވާ ހަމަލަތަކެކެވެ.
އެގޮތުން ކައުންޓަރ އެޓޭކެއްގައި ނިކޮލަސް ޖެކްސަން ދިން ބޯޅަ އަކުން ނޮނީ މަޑުއެކޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ހުރަސް ދަނޑި މަތިން ބޭރުވެފައިވާއިރު އެންޒޯ ފެނާންޑޭޒް އާއި ޖޭޑަން ސަންޗޭޒް ފޮނުވާލި ހަމަލަތައް ވެސް ގޯލަށް އަމާޒުވާ ގޮތް ވަނީ ނުވެފަ އެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ވެސްޓްހޭމް ޔުނައިޓެޑް އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ޗެލްސީގެ ޑިފެންޑަރ ކޮލްވިލް ފަހަތަށް ޖައްސާލި ބޯޅަ ހުހަށް ހުރި ޖެރޮޑް ބޮވެން އަށް ލިބުމުން އޭނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އާންމުކޮށް ޗެލްސީގެ ފުރަތަމަ ޓީމުގައި ހިމެނޭ ގޯލުކީޕަރ ރޮބަޓް ސަންޗޭޒްގެ ބަދަލުގައި ފިލިޕް ޖޯގެންސަން ކުޅެން އަރުވާފަ އެވެ. މިދިޔަ ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ސަންޗޭޒްގެ ފަރާތުން ގޯސްތަކެއް ފެނިގެން ގޮސްފައިވާއިރު މީގެ ކުރިންވެސް ސަންޗޭޒް އަށް ހެދިފައިވާ ގޯސްތަކުން ޗެލްސީ ކޮޅަށް އިދިކޮޅު ޓީމުތަކުން ވަނީ ލަނޑު ޖަހާފަ އެވެ.
މި މެޗުން ޗެލްސީ އަށް ކޮންމެހެންވެސް ތިން ޕޮއިންޓު ބޭނުންވެފައިވާއިރު, ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޗެލްސީ އަށް ވަނީ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އޭރިޔާ ބޭރުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ކޯލް ޕާމާ ފޮނުވާލި ނަމަވެސް ކީޕަރު ވަނީ ވަރަށް ހުށިޔާރު ކަމާއެކު އެ ބޯޅަ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އެންޒޯ މަރެސްކާ ވަނީ ޗެލްސީ އަށް ދެ ބަދަލު ގެނެސްފަ އެވެ. އެގޮތުން ނިކޮލަސް ޖެކްސަން އާއި ޖޭޑަން ސަންޗޯގެ ބަދަލުގައި މާކް ޖިއޯ އާއި ޕެޑްރޯ ނެޓޯ ވަނީ 52 ވަނަ މިނިޓުގައި ކުޅެން އަރުވާފަ އެވެ. އަދި އޭގެ 9 މިނިޓު ފަހުން މާލޯ ގަސްޓޯ އާއި ކްރިސްޓޮފާ އެންކުންކޫ ވެސް ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލު ތަކާއިއެކު ޗެލްސީގެ ކުޅުން ވަނީ އިތުރަށް ވަރުގަދަ ވެގެންގޮސްފަ އެވެ.
ޗެލްސީން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި މާކް ކުކުރެޔާ ފޮނުވާލި ހަމަލައެއް ވެސްޓްހޭމްގެ ޑިފެންޑަރުގެ ގައިގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު ޕެޑްރޯ ނެޓޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އަދި އޭގެ 10 މިނިޓު ފަހުން ޗެލްސީން ވަނީ ލަނޑެއް ޖަހާ މި މެޗުން ތިން ޕޮއިންޓު ހޯދާފަ އެވެ. މި ލަނޑަކީ އަރިމަތިން ކޯލް ޕާމާ ހުރަސް ކުރި ބޯޅައެއް ވެސްޓްހޭމް ގެ ވެން ބިސާކާގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ ތެރެއަށް ވަދެފައިވާ ލަނޑެކެވެ.
މި ލަނޑަށްފަހު ވެސް ޗެލްސީ އަށް ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފަ އެވެ.