ޚަބަރު

ސިޓީގެ ބޮޑު ހޭދަ އާއިއެކު ނިކޯ ގޮންޒަލޭޒް ސިޓީ އަށް


ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުންދިޔަ ނިކޯ ގޮންޒާލޭޒް 50 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓަރ ސިޓީއަށް ގެންގޮސް ޖެނުއަރީ ޓްރާންސްފާ ގައި އެ ކްލަބުން ޖުމްލަ 180 މިލިއަން ޕައުންޑު ހޭދަކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ކުޅުންތެރިން ގަނެވިއްކުމުގެ މައުލޫމާތު އެންމެ ފުރިހަމައަށް ބަލަހައްޓާ ޓްރާންސްފާ މާކެޓް އިން ހާމަކޮށްފައިވާ ގޮތުގައި މި ޖެނުއަރީ މަހު ސިޓީން ކުޅުންތެރިން ހޯދުމަށް ހޭދަކޮށްފައިވާ 180 މިލިއަން ޕައުންޑަކީ މުޅި ދުނިޔޭގައިވެސް ޖެނުއަރީ ޓްރާންސްފާ ގައި ކްލަބަކުން ދެވަނަ އަށް ހޭދަކޮށްފައިވާ އެންމެ ބޮޑު އަދަދެވެ. އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ 2023 ވަނަ އަހަރު 274 މިލިއަން ޕައުންޑު ހޭދަކުރި ޗެލްސީ އެވެ.

ސިޓީ އިން މިހާތަނަށް ޓްރާންސްފަރ ވިންޑޯއެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު އެ ކްލަބުން ވަނީ 225 މިލިއަން ޕައުންޑު ހަރަދުކޮށްފަ އެވެ.

އުމުރުން 23 އަހަރުގެ ސްޕެއިން މިޑްފީލްޑަރ މެންޗެސްޓަރ ސިޓީއަށް ގެންގޮސްފައިވާއިރު މިއީ މި ޖެނުއަރީ ޓްރާންސްފަރ ގައި އެ ކްލަބަށް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ކްލަބުން ވަނީ މިސްރުގެ އުމަރު މަރްމޫޝް އާއި ބްރެޒިލްގެ ވިޓޯ ރެއިޒް އާއި އުޒްބެކިސްތާނުގެ އަބްދުކާދިރު ކުސަނޯވެ އިތުރުން ސިއެރަލިއޯންގެ ޑިފެންޑަރ ޖުމާ ބާ ގެ ސޮއި ހޯދާފަ އެވެ.

2009 ވަނަ އަހަރުގެ ސްޕެއިންގެ ބާސެލޯނާ އިން ފުޓްބޯޅަ ހަޔާތް ފަށާފައިވާ ގޮންޒާލޭޒް ޕޯޓޯ އަށް ބަދަލުވެފައިވަނީ 2023 ވަނަ އަހަރު އެވެ. އަދި އޭނާ ސިޓީ އަށް ގެންގޮސްފައިވަނީ ހަތަރު އަހަރާއި ބައިގެ މުއްދަތަކަށެވެ.

ޕޯޓޯ އިން މިދިޔަ ސީޒަނުގައި ޕޯޗުގީޒް ކަޕް ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ގޮންޒާލޭޒް ވަނީ އެ ކްލަބަށް ކުޅެދިން 68 މެޗުގައި 9 ގޯލު ޖަހާ 9 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ސިޓީ އާއި ގުޅުމަށްފަހު ގޮންޒާލޭޒް ބުނެފައިވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ރަގަޅު ފުރުސަތެއް ކަމަށާއި ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ކުޅުންތެރިން ހިމެނޭ ޓީމެއްގައި ހިމެނި ތަފާތު ކުޅުމެއް ދެއްކުމަށް އުންމީދު ކުރާ ކަމަށެވެ.

ޕްރިމިއާ ލީގުގެ ފަސްވަނައިގައި މިވަގުތު އޮތް ސިޓީ އަށް މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވަނީ އެ ޓީމުގެ މިޑްފީލްޑަރ ރޮޑްރީ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާއި ދުރަށް ދާން ޖެހުނު ހިސާބުންނެވެ.