ޚަބަރު

ރާއްޖެއާއި ލަންކާއާ ދެމެދު އޮތީ އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއް: ރައީސް


  • ލަންކާ-ރާއްޖެ ގުޅުން ބިނާވެފައިވަނީ އެއްގޮތް ސިޔާސަތުތަކެއްގެ މައްޗަށް

  • ސްރީލަންކާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވި

ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށް ވިދާޅުވެ އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސުރިޔާއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް އަވަށްޓެރިކަމާއި ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބިނާވެގެން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ދެމެހެއްޓެނިވި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ސްރީލަންކާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ސަރުކާރައި ރައްޔިތުންނަށް ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި އެޤައުމުގެ މިނިވަން ދުވަހަކީ ޤައުމީ ކުރިއެރުމާއި އެއްބައިވަންތަކަން ހޯދުމުގައި ސްރީލަންކާގެ ރައްޔިތުންގެ ވަރުގަދަ ޢަޒުމާއި ހިތްވަރުގެ ނިޝާނެއްކަމަށް ވިދާދާޅުވިއެވެ.

ރާއްޖެއާއި ސްރީލަންކާއާދެމެދު އިޖްތިމާޢީ އަދި އިޤްތިޞާދީ އެއްބާރުލުން އިތުރުކޮށް، ސަރަޙައްދީ ހަމަޖެހުމާއި، ސުލްޙައާއި، ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތްކުރުމުގެ ތެރެއިން ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެކަން ޔަޤީންކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދަކީ ސްރީލަންކާގެ 77ވަނަ މިނިވަން ދުވަހެވެ. ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ އިސްތިޢުމާރީ ހިމާޔަތުގެ ދަށުން އެ ޤައުމު މިނިވަންވި ދުވަހާ ގުޅުވައިގެންނެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން އެ ޤައުމު މިނިވަންވީ 1948ވަނަ އަހަރުއެވެ.