ޗެލްސީއަށް ކުޅެމުން އަންނަ އޮސްޓްރޭލިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސޭމް ކާ، އިނގިރޭސިވިލާތުގެ ޓެކްސީ ޑްރައިވަރަކަށް ހަނގާކުރި ކަމަށް އޭނާގެ މައްސަލަ ބަލާ ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ޓެކްސީ ދުއްވަން އިން ޑްރައިވަރެވެ. އޭނާ އަކީ ޕޮލިސް އޮފިސަރެކެވެ.
މައްސަލައިގެ ޝަރީއަތުގައި ފަނޑިޔާރު ވިދާޅުވީ ދޮން މީހުންނަކީ އުނދަގޫ ބޮޑު، ތާކުންތާކު ނުޖެހޭ ބައެއް ކަމަށް ކަމަށް ކާ ބުނެފައިވާ ކަމަށެވެ.
އިންޑިޔާ ދަރިކޮޅުގެ ކުޅުންތެރިޔާ މިހެން ބުނީ ޗެލްސީ ކުޅުނު މެޗެއް ނިންމާފައި ޓީމުގެ ކުޅުންތެރިއަކާއެކު ގެއަށް ދިއުމަށް ޓެކްސީ އަށް އެރުމަށް ފަހު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ކިންގްސްޓަން ކްރައުން ކޯޓުގެ ފަނޑިޔާރު ބިލް އެމްލީން ވިދާޅުވީ ސޭމް ކާ މިފަދައިން އަމަލުކުރީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ގެއަށް ދާން ޓެކްސީ އެއް ހޯދުމަށްފަހު ކަމަށެވެ.
އޭނާގެ މި ވާހަކަތަކުގެ ސަބަބުން ގެ އަށް ދިއުމުގެ ބަދަލުގައި ޑްރައިވަރު މިސްރާބު ޖެހީ ސީދާ ޕޮލިހަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކާގެ ވަކީލު ބުނީ ކުޅުންތެރިޔާ އެފަދަ ގޮތަކަށް ބަސް މަގު ބަހެއްޓީ ބުލީކުރުމުގެ ގޮތުން ނޫން ކަމަށާއި އޭނާގެ އެހެން ބުނީ ގިނަ ކަންކަމުގެ ބާރު އޮތީ ދޮން މީހުންގެ އަތުގައި ކަމަށް ބުނުމުގެ ނިޔަތުގައި ކަމަށެވެ.
ކާ އަކީ އޭނާގެ ކެރިއަރުގައި 199 ގޯލު ޖަހާދީފައިވާ މޮޅު ފޯވަޑެކެވެ. އޭނާ އަކީ އޮސްޓްރޭލިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ ވެސްމެ އެވެ. ގައުމީ ޓީމަށް ކުޅުނު 128 މެޗުން އޭނާ ވަނީ 69 ގޯލު ޖަހައިފަ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭނާ އަށް ލިބުނު އަނިޔާއަކށް ފަރުވާ ކުރުމަށް ކާ ހުންނަން ޖެހިފައިވަނީ ކުޅުމާ ދުރުގަ އެވެ.
ކޯޓުން ބަލަމުންދާ އޭނާގެ މައްސަލައިގައި މި ހަފުތާގައި ހުކުމް ކުރުން ގާތް ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.