ޚަބަރު

ނުވަ މަހަށް ފަހު ރަފަޙް ހުރަސް ހުޅުވާލައިފި, ޣައްޒާގެ ބަލި މީހުން މިޞްރަށް


ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް ބަންދު ކޮށްފައި ގާތްގަނޑަކަށް ނުވަ މަސް ދުވަހު އޮތުމަށް ފަހު އަލުން އެ މަގު ހުޅުވައިލުމުން، ޣައްޒާގެ ބައެއް ބަލި މީހުންނާއި ޒަޙަމް ވެފައިވާ ރައްޔިތުން މިޞްރަށް ހުރަސް ކޮށްފިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީ ދަޢުލަތާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފެބްރުވަރީ މަހުގެ 1ވަނަ ދުވަހު 50 ބަލި މީހުންނާއި 61 އެހީތެރިން ރަފަޙް މެދުވެރި ކޮށް މިޞްރަށް ހުރަސް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި އެ މީހުންނަށް ބޭނުންވާ ފަރުވާ ނުލިބި ތިބި ދާއިމީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ކެންސަރު ބަލި ޖެހިފައިވާ މީހުންނާއި ކުޑަ ކުދިން ވެސް ހިމެނެއެވެ.

ޖަނަވަރީ 19ވަނަ ދުވަހު ތަންފީޒު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުގެ 400 ރައްޔިތުންނަށް ޣައްޒާއިން ބޭރުވުމުގެ ފުރުޞަތު ލިބޭނެއެވެ. އެއްބަސްވުމާ އެއްގޮތަށް ރަފަޙް ހުރަސް އަލުން ހުޅުވައިލުން ވެގެން ގޮސްފައި މި ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް އިތުރު ބާރެއް ލިިބިދޭ ކުރިއެރުމަކަށެވެ. ރަފަޙް ހުރަސް ހުޅުވައިލާ ޣައްޒާގެ ބަލިމީހުން މިޞްރަށް ހުރަސް ކުރުމުގެ ފުރުޞަތު ޔަހޫދީން ދީފައި މި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީންގެ ތެރެއިން ދިރިތިބި ހުރިހާ އަންހެނުން އެއްބަސްވުމާ އެއްގޮތަށް މިނިވަން ކުރުމުންނެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ހަސްފަތާލުތަކާ ބެހޭ ޑިރެކްޓަރު މުޙައްމަދު ޒަޣޫތު ވިދާޅުވީ މިހާރުން މިހާރަށް ޣައްޒާއިން ބޭރުު ކުރުމަށް ތައްޔާރީ ޙާލަތުގައި 6,000 ބަލި މީހުން ތިބި ކަމަށެވެ. އަދި ކޮންމެހެން ބޭސް ފަރުވާ ބޭނުންވާ 12,000 މީހުން ތިބި ކަމަށެވެ. މިޞްރަށް ހުރަސް ކުރުމުގެ ހުއްދަ ދީފައިވާ މީހުންގެ ޢަދަދު މަދުވުމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާ ޒަޣޫތު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ޢަދަދު އިތުރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިންޓަނޭޝަނަލް ނެޓްވޯކް ފޮރ އެއިޑް, ރިލީފް އެންޑް އެސިސްޓަންސް (އިނާރާ)ގެ ބާނީ, އަރްވާ ދާމޮން ވިދާޅުވީ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ފަރުވާ ދޭން ޖެހޭ 2,500އެއްހާ ފަލަސްޠީނުގެ ކުޑަ ކުދިން ޣައްޒާއިން ބޭރު ކުރުމަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ކޮންމެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ޞިއްޙީ ފަރުވާއަށް އެ ކުއްޖާ ޣައްޒާއިން ބޭރުކުރުމަސް އެދި ހުށަހަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ޣައްޒާގެ ޞިއްޙީ ވުޒާރާއިން އެ ހުށަހެޅުންތައް ބަލައި އެ ކުދިންގެ ޙާލަތު ވަޒަން ކޮށް އެންމެ މުހިންމު ކޭސްތައް ފާހަގަ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއަށް ފަހު ޣައްޒާއިން ބޭރު ކުރުމަށް އެދޭ ކުދިންގެ ލިސްޓުގައިވާ ކޮންމެ ނަމެއް ޔަހޫދީން ވަކިވަކިން ބަލާ ފާސް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ހުއްދަ ލިބުމުން ދެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ, ޑަބްލިޔުއެޗްއޯއާ އެކު މަސައްކަތް ކޮށް, އަދި ހަމަ އެއާއެކު އެ ކުދިންނާ ޙަވާލު ވާން އެއްބަސްވާ ޤައުމުތަކާ ވެސް މުއާމަލާތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ވަރަށް އުނދަގޫ އަދި ލަސް މަރުޚަލާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ އުނދަގޫ މަސައްކަތުގެ ސަބަބުން ކުދިންނަށް ބޭނުންވާ ފަރުވާ ހޯދައި ދިނުމަަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން، ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމާ ދެމެދު ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ ޞިއްޙީ ނިޒާމު ވަނީ އެއްކޮށް ފުނޑުފުނޑު ވެފައެވެ. ގިނަ ހަސްފަތާލުތައް ސުންނާފަތިވެ ފަރުވާ ދެވޭނެ ވަޞީލަތްތަކެއް ވެސް ނެތެވެ. ޞިއްޙީ ފަރުވާ ނުލިބުމުގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކު ދަނީ ބޮޑެތި ވޭންތައް ތަހައްމަލް ކުރަމުންނެވެ. ހަނގުރާމައިގެ ޙާލަތުގައި 2024ވަނަ އަހަރުގެ މެއި މަހު ޔަހޫދީން ރަފަޙް ހުރަސް ބަންދު ކުރުމުގެ ކުރިން ވެސް ބޭސް ފަރުވާ ހޯދުމުގައި ޣައްޒާއިން އޮތީ އެ ހުރަހަށް ވަރަށް ބޮޑަށް ބަރޯސާ ވެފައެވެ.

ރަފަޙް ހުރަހުގެ ކަންކަން މިހާރު ބަލަހައްޓަމުން ދަނީ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ ފަރާތުން ސަރަޙައްދީ ރޮނގު ބެލެހެއްޓުމުގައި ކުރިން ޙަރަކާތްތެރި ވެފައިވާ އޮފިސަރުންނާއާއި ވިލާތުގެ އިއްތިޙާދުގެ ޓީމަކުންނެވެ.