ޒަމާނީ، ދެމެހެއްޓެވިނި ދަނޑުވެރިކަމެއް ރާއްޖޭގައި ކުރިއެރުވުމަށް މި ދާއިރާއަށް ޒުވާނުން ޝަޢުގުވެރިކުރުވާ، ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ އާބާދީ އިތުރުކުރުން މުހިންމުކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަރ ފޯރ ފުޑް ސެކިއުރިޓީ" ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަރ ފޯރ ފުޑް ސެކިއުރިޓީ" ކޮންފަރެންސަކީ ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓާ ރަށްޓެހި ގޮތްތައް އަށަގެންނެވުމާ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ދިރާސީ ނަޒަރަކުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
މިކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށެވެ. އަދި ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުމަކީ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަމެއް ކުރުމަށް އޮން އެންމެ ބޮޑު ގޮންޖެހުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ބޭނުންވާ ވަސީލަތްތައް ލިބުމުގެ ދަތިކަމާއި މާލީ އެހީ ހޯދުމުގެ ދަތިކަމާއި، ދަނޑުތަކުގައި ހައްދާ ތަކެތި އެއްތަނުން އަނެއް ތަނެއް ގެންދިއުމުގައި ދަތުރުފަތުރުގެ ދަތިކަމާއި، މާކެޓް ހޯދުމުގެ ދަތިކަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ ޒަމާނީ އައު ގޮތްތައް ހޯދާ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާޢަތެއް ހޯދުމަށް، ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުތަނުން އިތުރުކުރަންޖެހޭކަމަށެވެ.
"ދަނޑުވެރިކަން ހިއްސާކުރަނީ ރާއްޖޭގެ ޖީޑީޕީގެ %1.2. ރާއްޖޭގައި 7600 ދަނޑުވެރިން ދަފްތަރުކޮށްފައިވާއިރު، އޭގެތެރެއިން ޒުވާނުންގެ ނިސްބަތަކީ %6.9. ރާއްޖޭގައި ކާބޯތަކެތި އިމްޕޯޓްކުރާ ނިސްބަތް %90އަށް އަރާ. އެހެންވީމަ ދެމެހެއްޓެނިވިގޮތެއްގައި ދާއިރާ ފުޅާކުރަން ޒުވާނުން މި ދާއިރާއަށް ޝަޢުގުވެރިކުރުވާ، ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ." ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ހާލަތު މިހާރު އޮތްގޮތަށް ރިޢާޔަތްކުރެވި، މި ސިނާޢަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ދިރާސީ ނަޒަރަކުން އަލިއަޅުވާލުމަށް ފުރުޞަތު ލިބޭނެކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންފަރެންސްގައި އެމްއެންޔޫ، އިސްލާމިކް އޮގަނައިޒޭޝަން ފޯރ ފުޑް ސެކިއުރިޓީ އަދި ކަމާއި ގުޅުންހުރި ދާއިރާތަކުގެ ޓެކްނިކަލް ބޭފުޅުންގެ އިތުރުން މިދާއިރާއިން ތަޢުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެރިވެއެވެ. މިކޮންފަރެންސްގެ ނިންމުންތަކާ މަޝްވަރާތައް، ޕޮލިސީ ލެވެލެއްގައި ސަރުކާރުގެ ކަމާއިގުޅުންހުރި ފަރާތްތަކަށް ހުށައަޅާނެއެވެ.
ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެހީވުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަމާ ގުޅޭ އެޑްވާންސް ލެވެލްގެ ކޯސްތައް މިހާރުވެސް ފަށާފައިވާއިރު، ޑިޕްލޮމާއާއި ޑިގްރީ ފެންވަރުގެ ކޯސްތައް ފެށުމަކީ އަމާޒެކެވެ. އަދި އެކަމަށް ޚާއްސަ ފެކަލްޓީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.