ދުނިޔެ

ސޫރިޔާގައި ކުރުދީންގެ 23 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ތުރުކީވިލާތުން ބުނެފި


ސޫރިޔާގެ ދެކުނުގައި ޙަރަކާތްތެރިވާ ކުރުދީންގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ތުރުކީވިލާތުން ފަށާފައިވާ ވަރުގަދަ ޙަމަލާތަކުގައި، 23 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

ސޫރިޔާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ވައިޕީޖީއަކީ، ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)އާ ގުޅުން އޮތް ޖަމާޢަތެއް ކަމުގައި ތުރުކީވިލާތުން ޤަބޫލު ކުރެއެވެ. ވައިޕީޖީއަކީ، އެމެރިކާގެ ވާގިވެރިކަމާ އެކު އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފާ) ގުޅިފައިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ.

ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ، މަރައިލި ހަނގުރާމަވެރިން ނިސްބަތްވަނީ ވައިޖީޕީ އަދި ޕީކޭކޭ ޖަމާޢަތަށް ކަމަށެވެ.

ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް މީގެ 40 އަހަރު ކުރިން އަސްކަރީ ޙަރަކާތްތައް ފެށި ޕީކޭކޭއަކީ އަންކަރާގެ އިތުރުން ވޮޝިންގޓަނާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ން ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ދެކޭ ގުރޫޕެކެވެ.

ވައިޖީޕީއަށް އެމެރިކާއިން ކުރާ ތާޢީދު، އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބަދަލުކުރާނެކަމަށް ތުރުކީވިލާތުން ޢުންމީދު ކުރެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި، ވައިޖީޕީ އާއި ޕީކޭކޭ އާ އެއް ސަފެއްގައި 2،000އަށް ވުރެ ގިނަ އެމެރިކާ ސިފައިން އޭރު ސޫރިޔާގައި ޙަރަކާތްތެރިވިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން، ތުރުކީވިލާތުން ވަނީ ވައިޖީޕީ ރޫޅާލައި، އެ ޖަމާޢަތުގައި ހަރަކާތްތެރިވަމުންދާ އެހެން ޤައުމުތަކަށް ނިސްބަތްވާ ހަނގުރާމަވެރިން އަނބުރާ ގޮސް، އެ ޖަމާޢަތުގެ އިސް ވެރިން ކަމާގުޅޭ އިދާރާތަކާ އަމިއްލައަށް ޙަވާލުވުމަށް ގޮވާލައިފައެވެ.