ޚަބަރު

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް 947 ދަތުރު އިތުރަށް ކުރި


  • ޝެޑިއުލް އަދި ޗާޓަރ ޕްލައިޓްގެ އަދަދުވެސް އިތުރު

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތައް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ރިޕޯޓުން ދައްކާގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖެއައި ޝެޑިއުލް އަދި ޗާޓަރ ޕްލައިޓްގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރަމުންނެވެ.

އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން 2023 ވަނަ އަހަރު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް 15،883 ދަތުރު ވަނީ ކޮށްފައެވެ. އަދި ނިމުނު 2024 ވަނަ އަހަރު މި އަދަދު ވަނީ 16،830 އަށް އިތުރުވެފައެވެ. އެހެންކަމުން 2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ބައިނަލްއަޤްވާމީ ފްލައިޓްތަކުން ރާއްޖެއަށް 947 ދަތުރު ވަނީ އިތުރަށްކޮށްފައެވެ.

2023 ވަނަ އަހަރު ޝެޑިއުލްކޮށް ރާއްޖެއަށް 14،608 ދަތުރު ވަނީ ކޮށްފައެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ 15،432 އަށް އިތުރުވެފައެވެ.

2023 ވަނަ އަހަރު ޖެނެރަލް ފްލައިޓް މޫމަންޓްސް ހުރީ 1،275 ގައެވެ. 2024 ވަނަ އަހަރު ޖެނެރަލް ފްލައިޓް މޫމަންޓްސްއަކީ 1،398 ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެއަރލައިންތަކުން ކުރި ދަތުރުތައް އިތުރުވެފައިވާއިރު ރާއްޖެއަށް މިދިޔަ އަހަރު ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިންވެސް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް މުޅިން އަލަށް 2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ.