ޚަބަރު

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް: އެންމެ މޮޅު އެކަޑަމީއަކަށް އޭދަފުށި ރިވައިވަލް


ރިވައިވަލް ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ބެޑްމިންޓަން ޗެލެންޖުގެ އެންމެ މޮޅު އެކަޑަމީއަކަށް ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީ ހޮވިއްޖެއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު އެކަޑަމީގެ މަގާމު ރިވައިވލް އޭދަފުށި ހޯދީ ތިން ރަން މެޑަލާއި، ހަ ރިހި އަދި 14 ލޯ މެޑަލްއާއެކު އެވެ. އެކި ކެޓަގަރީގެ ފައިނަލް މެޗުތައް ރޭ ކުޅެފައިވާއިރު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު އެކަޑަމީއަށް އެވޯޑު ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށް ބަލާއިރު މެންސް ޑަބަލްސް ޗެމްޕިއަންކަން ނަޝީއު ޝަރަފުއްދީން އާއި ރިޔާޒް މުޙައްމަދުގެ ޕެއާ ހޯދިއިރު ސީނިއާ ވިމެންސް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އެވެ.

އެކި އުމުރުފުރާތަކުގެ ތެރެއިން 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިޝަތު ޔަސްނާ އަތޫފް އާއި އައިޝަތު ޒޯޔާ ހުސެއިންގެ ޕެއާ ހޯދިއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާދަމް މާހީން މުޙައްމަދު އާއި މުޙައްމަދު އަހުސަން އަހުމަދުގެ ޕެއާ އެވެ.

މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު ޒޯޔާ ހުސެއިން ހޯދިއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާދަމް މާހީން މުޙައްމަދެވެ.

332 އެތުލީޓުން ވާދަކުރި މި މުބާރާތުގައި 10 އަށްވުރެ ގިނަ އެކަޑަމީގެ އިތުރުން ރާއްޖޭގެ ޖޫނިއަރ އަދި ސީނިއަރ ގައުމީ ޓީމުވެސް ބައިވެރިވިއެވެ. މި މުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސްއަށް ހާއްސަ ކެޓަގަރީއެއްވެސް ކުރިއަށްދިޔަ އެވެ. މި ކެޓަގަރީއަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މުބާރާތް ކުރިއަށްދިޔައީ އެގާރަ އަހަރުންދަށް، ތޭރަ އަހަރުންދަށް، ފަނަރަ އަހަރުންދަށް، ސަތާރަ އަހަރުންދަށް އަދި ނަވާރަ އަހަރުންދަށުގެ އުމުރުފުރާއެވެ. އަދި ސީނިއާ އޯޕަން ކެޓަގަރީތައް ވެސް ހިމެނެއެވެ. މީގެއިތުރުން ސްޕެޝަލް އޮލިމްޕިކްސް އަށް ހާއްސަ ކެޓަގަރީތައްވެސް މި މުބާރާތުގައި ހިމެނުނެވެ.

ރިވައިވަލް ސްޕޯޓްސް އަކީ ރާއްޖޭގައި ބެޑްމިންޓަންގެ ހަރަކާތްތައް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ އެއް އެކަޑަމީއެވެ. ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރިވައިވަލްގެ އެތުލީޓުން ވާދަކޮށް ގައުމަށް ރީތި ނަން ހޯދައިދީފައިވެއެވެ.