ކުރިއަށް އޮތް ރަމަޟާން މަހުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ދެވޭކަން ކަށަވަރުކުރުމަށް 13 ޖެނެރޭޓަރު ސެޓު ގެނައުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯއިން ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ދެވޭކަން ކަށަވަރުކުރުމަށް ގެނައުމަށް ނިންމާފައިވާ 13 ޖެނެރޭޓަރު ސެޓުގެ ތެރެއިން އެއްބައި ޖަނެރޭޓަރުސެޓުތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ޖެނެރޭޓަރު ސެޓުތައް ސްޓެލްކޯގެ ކަރަންޓުގެ ނިޒާމާ ގުޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލެ ސަރަހައްދަށް އަލަށް ގެންނަ ޖަނެރޭޓަރު ސެޓުތަކާއެކު ކަރަންޓު އުފައްދާ މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި އިތުރުކުރެވޭ މެގަވޮޓުތަކާއެކު އެއްވެސް ޝޯޓޭޖެއްނެތި ރަމަޟާން މަހު ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މީގެ އިތުރުން ރަމަޟާން މަހާ ދިމާކޮށް އަތޮޅު ތެރޭގެ ރަށްރަށުގައި ބޮޑުވާ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ކަށަވަރުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވަމުން އަންނަކަމަށް އެ ކޯޕަރޭޝަނުންވެސް ވަނީ ވިދާޅުވެފައެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވީ، ރަށްރަށުގައި ޓެކްނިކަލް އިވެލުއޭޝަނެއް ހަދައި މައްސަލަ އުޅޭކަމަށް ފާހަގަކުރެވުނު 46 ރަށަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
ފެނަކައިން ވަނީ މި އަހަރުގެ ހޫނުމޫސުމާއި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖަނެރޭޓަރުސެޓު ހޯދުމަށް އިޢުލާންކޮށްފައެވެ.
އަހަރުގެ މާރޗް މަހާއި އޭޕްރީލް މަހަކީ ޢާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ މާރޗް މަހާއެވެ. އެހެންކަމުން އެ ދުވަސްވަރު ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކުރެއެވެ. އަދި ކަރަންޓު ބޭނުންކުރުން އިތުރުވާ މިންވަރަށް ކަރަންޓު އުފެއްދޭކަން ކަށަވަރުކުރުމަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ސްޓެލްކޯއާއި ފެނަކައިން އަބަދުވެސް މަސައްކަތްކުރެއެވެ.
މި ރަމަޟާންމަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.