ޚަބަރު

ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފްގެ "ފަޔަރ ޕްރިވެންޝަން ވީކް" ފަށައިފި


  • އެންމެ ފުރަތަމަ ހަރަކާތް ހާއްސަކުރީ ސްކޫލް ދަރިވަރުންނަށް

  • 580 އަށްވުރެ ގިނަ ކުދިން ބައިވެރިވި

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2025" ފަށައިފިއެވެ.

"ފަޔަރ ޕްރިވެންޝަން ވީކް" އަކީ، ރަމަޟާން މަހު ގިނަ ވަގުތުތަކެއްގައި ބަދިގޭގައި ހޭދަކުރާ މަހަކަށް ވާނެތީ، ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފަޔަރ ޕްރިވެންޝަން ވީކް ފެށުމުގެ ގޮތުން އިއްޔެ ދެ ދަންފަޅިއަކަށް ބަހާލައިގެން އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ އިވެންޓް ޚާއްސަކުރީ މާލޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ކަމަށެވެ. އެ ހަރަކާތުގައި 580 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

ފަޔަރ ޕްރިވެންޝަން ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދެއެވެ.

ފެބްރުއަރީ 7ގެ ނިޔަލަށް ކުރިއަށްގެންދާ ފަޔަރ ޕްރިވެންޝަން ވީކް މާލެ ސަރަހައްދުގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތައް ހިންގަން ހަމަޖެހިފައިވަނީ، ތަޢުލީމީ ވުޒާރާއާއި، ސްކޫލުތަކާއި، މާލޭ ސިޓީ ކައުންސިލް އަދި މުއައްސަސާތަކާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މާލެ ސަރަހައްދުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދާއި، މުޙްޔިއްދީން ސްކޫލާއި، ޢާޒީ ސްކޫލުގެ އިތުރުން، ތިލަފުށީ ބަނދަރު ސަރަހައްދާއި، ރަސްފަންނު އަދި ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ހަރަކާތް ބާއްވަމުންނެވެ. މި ހަރަކާތް އެންމެ ފުރަތަމަ އަމާޒު ކުރެވެމުން އައީ މާލެ ސަރަހައްދަށް ނަމަވެސް ފަހުން މި ހަރަކާތް އިތުރަށް ފުޅާކޮށް، އަތޮޅުތަކުގައިވެސް ވަނީ ފަށައިފައެވެ.