ހއ. ހޯރަފުށީގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ހޯރަފުށީ ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވީ މިހާރު ތިލަދުއްމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެންނެވެ.
ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލަމަތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންއާއި އެވުޒާރާގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ކުޑަކުދިންގެ ޖިނާޢީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގައި ޤާއިމްކުރެވިފައިވާ ޚިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިމަސައްކަތުގެ ދަށުން ހޯރަފުށީގައި ހުޅުވާފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ ޖިނާޢީ އަދުލުގެ ޤާނޫނުގެ ދަށުން ހިންގަން ބޭނުންވާ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.
ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ވިދާޅުވީ މި މަރުކަޒަކީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުދިންނަށް ފަރުވާ ދެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ތަރައްޤީކޮށްފައިވާ މަރުކަޒެއް ކަމަށެވެ. އަދި އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި ދިގުމުއްދަތަކަށް ބަންދުގައި ތިބުމަށްފަހު، އެކުދިންގެ ހާލަތައް ބިނާކޮށް ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް މިތަނުން ދެވޭނެއެވެ. މި ސެންޓަރުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ވަކި އެކޮމޮޑޭޝަން ބްލޮކްތަކެއް ހުރިކަމަށް އެ ޑިޕާޓްމެންޓުން ވަނީ ހާމަކުރައްވާފައެވެ. އަދި މިތަނުގައި އޮފީސް ބްލޮކެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން މި މަރުކަޒު ހުޅުވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިހާރު ދ. ކުޑަހުވަދޫގައި ޤާއިމްކޮށްފައިވާ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރާއި މިހާރު ޤާއިމްކުރެވިފައި ޑިޓެންޝަން ސެންޓަރުތަކުން ނިކުންނަ ކުދިން އަނބުރާ މުޖްތަމަޢުއަށް ނެރުމަށް ބޭނުންވާ ފަރުވާ ހޯރަފުށީގެ ޖުވެނައިލް ހާފްވޭ ހައުސްއިން ދެވިގެންދާނެއެވެ. އަދި ހޯރަފުއްޓަކީ މިފަދަ ފަރުވާތަކަށް އެންމެ އެކަށީގެންވާ މުޖްތަމަޢުއެއް އޮތްތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ މިތަނުގެ ޚިދުމަތް ދާދި އަވަހަށް ފެށިގެންދާނެކަން ހާމަކުރައްވާފައެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަކީ 2020 ވަނަ އަހަރު ޢަމަލުކުރަން ފެށި، ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޤާއިމްކޮށްފައިވާ އިދާރާއެކެވެ. އެއިދާރާގެ މައިގަނޑު މަސައްކަތްތައް ބިނާވަނީ ކުޑަކުދިން ކުރާ ޤާނޫނާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށް، އެކުދިން ހެޔޮގޮތުގައި މުޖުތަމަޢަށް ރުޖޫއަކުރުމުގައި އިސް ދައުރެއް އަދާކުރުމެވެ.