ޚަބަރު

އުތީމުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ކައުންސިލާއެކު ސޮއިކޮށްފި


  • އުތީމުގައި މިހާރު ފައިސާ ނެގުމުގެ ޚިދުމަތް ދެނީ އެޖެންޓެއް މެދުވެރިކޮށް

  • މުޅި ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އާމާޒު

ހއ. އުތީމުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި އެއްބަސްވުމުގައި އުތީމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. އަދި ބޭންކް އޮފް މޯލްޑިވެސް ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

މި ޚިދުމަތް އުތީމުގައި ޤާއިމުކުރަނީ، މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާ ކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ. އުތީމުގައި މިވަގުތު ބޭންކިން ޚިދުމަތް ދެނީ ބީއެމްއެލް އެޖެންޓެއް މެދުވެރިކޮށެވެ.

ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.