ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިން ޚިދުމަތަށް 10 އަހަރު ފުރުމާއެކު، އިސްލާމިކް ބޭންކިން ޚިދުމަތަށް އިސްކަންދޭ ގޮތަށް އެ ބޭންކުގެ 3 ބްރާންޗެއް ރީބްރޭންޑްކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ބޭންކިން ޚިދުމަތަކީ އިސްލާމީ ޝަރީއާއި އެއްގޮތަށް ދެމުންދާ ބޭންކިން ޚިދުމަތެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިން ޚިދުމަތް ފަށާފައިވަނީ މީގެ 10 އަހަރުކުރިން 2015 ވަނަ އަހަރުއެވެ. މިއާއެކު އެ ބޭންކުން ވަނީ 3 ބްރާންޗެއް ބީއެމްއެލް އިސްލާމިކް ބޭންކިންގް ބްރާންޗުތަކަށް ރީބްރޭންޑްކޮށްފައެވެ. އެ ތިން ބްރާންޗަކީ، ބ، އޭދަފުށި، އދ. މަހިބަދޫ އަދި އައްޑޫ ސިޓީ ގަމު ބްރާންޗެވެ. ބީއެމްއެލްއިން ވިދާޅުވީ މި ތިން ބްރާންޗުން މިހާރު ޚިދުމަތް ދޭނީ އިސްލާމިކް ބޭންކިން ޚިދުމަތަށް އިސްކަންދީގެންނެވެ.
ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޚިދުމަތަކީ އިސްލާމީ ޝަރީޢާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތެކެވެ. އެގޮތުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ބީއެމްއެމް އިސްލާމިކް އިން ދަނީ ފޯރުކޮށްދެމުންނެވެ. ބީއެމްއެލްއިން ވިދާޅުވީ މި ޚިދުމަތްތައް ދެމުންދަނީ ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަޤްވާމީ އެންމެ ރަނގަޅު މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
މި މުނާސަބަތާއި ގުޅިގެން އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ޚިދުމަތަށް 10 އަހަރު ފުރުމަކީ ބޭންކަށް ލިބޭ ފަޙުރެއް ކަމަށެވެ. އަދި އިސްލާމިކް ފައިނޭންސިންގެ ގިނަ ޚިދުމަތްތަކެއް ބީއެމްއެލްއިން ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު، ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކަކީ ބީއެމްއެލްކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ބީއެމްއެލް ބްރާންޗުތަކަށް މި ގެނައި ބަދަލު ދައްކުވައިދެނީ ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ދިނުމަށް އެ ބޭންކުން ދޭ އަހަމީއްޔަތުކަންކަމަށް ވިދާޅުވެފައެވެ.
ބީއެމްއެމްއެލްއިން ދަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޚިދުމަތް ދެމުންނެވެ. އެގޮތުން މުޅި އެކު 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 150 އޭޓީއެމް އޭޖެންޓު މެދުވެރިކޮށް އެ ބޭންކުގެ ޚިދުމަތްތައް ދެމުން އަންނަ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ބޭންކުން ދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ޚިދުމަތް މިއަހަރުގެ ނިޔަލަށް ދިނުމަށް އޭޓީއެމް ބެހެއްޓުމަށް ހާއްސަ މަޝްރޫޢެއް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.