ކުޅިވަރު

ޔުނައިޓެޑް ބަލިވުމުން ކޯޗު ޓީވީ ހަލާކުކޮށްލައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން އައި ރުޅީގައި ކޯޗު ރުބެން އަމޮރިމް ޓީވީ ހަލާކުކޮށްލައިފިއެވެ.

އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ޓީމާ ހަވާލުވި ކޯޗު ރުޅި އައިސްގެން ހަލާކުކޮށްލީ ޗޭންޖިން ރޫމުގައި ހުރި ޓީވީއެކެވެ. އެއީ އާއްމުކޮށް ކުޅުންތެރިންނަށް އޭނާ މެޗުގެ ޓެކްޓިކަލް ކަންކަން ކިޔައިދޭން ބޭނުންކުރާ ޓީވީ އެވެ.

މެންޗެސްޓާގެ ބައެއް ނޫސްވެރިން ބުނީ އާއްމުކޮށް މަޑުމަޑުން ހުންނަ ކޯޗު އެފަދަ ގޮތަކަށް އަމަލުކުރުމުން ކުޅުންތެރިން ވެސް ތިބީ ޝޮކެއްގައި ކަމަށެވެ. އަދި ބައެއް ކުޅުންތެރިން ހައިރާންވެގެން އެވާހަކަ ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.

ބްރައިޓަން އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑް ވަނީ ޓޭބަލުގެ 13 ވަނަ އަށް ވެއްޓިފަ އެވެ. ލިބިފައިވަނީ 22 މެޗު ކުޅެގެން 26 ޕޮއިންޓެވެ. މިހެންވެ އަމޮރިމް މެޗަށް ފަހު ބުނީ އޭނާ އަށް ލިބުނީ ޔުނައިޓެޑްގެ ތާރީހުގައި ވެސް ފެނުނު އެންމެ ބަލި ޓީމު ކަމަށެވެ.

ކުރީގެ ކޯޗު އެރިކް ޓެންހަގް ވަކިކުރުމުން، ކޯޗު ކަމާ ހަވާލުވި އަމޮރިމް ބުނީ ކުރިން ހުރި ކޯޗަށްވުރެ އަލަށް ގެނައި ކޯޗު ބަލިވި މެޗުތައް ގިނަވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އަބަދު ޓީމު ބަލިވެ މިހާބޮޑަށް ކަންކަން ގޯސްކޮށްދިއުމުން ޔުނައިޓެޑާއި އޭނާ އަށް ވެސް ކުރިމަތިވާނެ ނުވަނަވަސްކަން ކިޔައިދޭން ވެސް ނޭނގޭ ކަމަށެވެ.

"މިދިޔަ 10 މެޗުން އަހަރުމެން މޮޅުވީ އެންމެ ދެ މެޗުން. ނިކަން ވިސްނަބަލަ މި ނަތީޖާ އަކީ ޔުނައިޓެޑުން ނެރުނު ނަތީޖާވީމަ ވާނެގޮތް. މި ނަތީޖާގެ ސަބަބުން އަހަރެންނަށް ވާނެގޮތް. އަހަރުމެން އަލަށް ގެނައި ކޯޗު (އަހަރެން) މިހުރީ ކުރީގެ ކޯޗަށްވުރެ ގިނަ މެޗުން ބަލިވެފައި. އަހަރެންނަށް މިކަމުގެ (ނުތަނަވަސްކަން) ވަރަށް ރަނގަޅަށް އެބަ ވިސްނޭ،" އަމޮރިމް ބުންޏެވެ.

އޭނާ ބުނީ ނޫސްވެރިން އެންމެ ބޭނުންވާ ހެޑްލައިނަކީ އޭނާގެ އަނގައިން މިއީ ޔުނައިޓެޑް ދުށް އެންމެ ބަލި ޓީމު ކަމުގައި ބުނަން ކަމަށެވެ.

"އެކަމަކު އެހެން ނުބުނެ ވާކަށް ވެސް ނެތް. ނޫސްވެރިން ގޯސް ވާހަކަ ލިޔަން ބޭނުންވާނެ. އެކަމަކު އަހަރުމެން އެބަ ޖެހޭ މި ހަގީގަތް ގަބޫލުކުރަން،" ކޯޗު ބުންޏެވެ.