ޚަބަރު

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބްލޮކްކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފި


  • ހީނާ ވަނީ އެފަދަ މަޝްވަރާއެއް ސަރުކާރުން ނުކުރައްވާކަމަށް ވިދާޅުވެފައި

  • ވަޒީރު އިޙްސާންވެސް ވަނީ މިކަން ދޮގުކުރައްވާފައި

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ.

ހީނާ ވިދާޅުވީ، ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމަވާފައިނުވާކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކުރައްވާފައިވެސް ނުވާކަމަށެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުންކަމަށެވެ.


ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތައް ބްލޮކްކުރަން ސަރުކާރުން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންވެސް ވަނީ މިކަން ދޮގުކުރައްވާފައެވެ. ވަޒީރު ވަނީ މި ސަރުކާރުން މިފަދަ ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

"މިހާރު ކޮންމެވެސް ވަރަކަށް ދެކެވެމުން އެބަދޭ އަޅުގަނޑުމެން އެކްސް ކަހަލަ ޓިކްޓޮކް ކަހަލަ ބައެއް އެއްޗެހި މަނާކުރަން އުޅޭ ވާހަކަ. އެއީ އެއްވެސް ހާލެއްގައި އަދި މި ސަރުކާރުން ކުރައްވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަކީ މިފަދަ ކަންކަން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާނެ މިފަދަ ކަންކަމަށް ބާރު ދޭނެ ފަރަތްތަކެއް". ވަޒީރު އިހްސާން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ފަންނުވެރިން ކުރިއަރުވައި އެމީހުންނަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި، އިރުޝާދުފުޅާއެކު ކްރިއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.