ޚަބަރު

ނަޖީބް ރައްޒާޤް ގޭބަންދަން ބަދަލުކުރެވޭ ލިޔުން ނުފޮރުވަން: މެލޭޝިޔާގެ ބޮޑުވަޒީރު


ޚިޔާނާތުގެ ކުށުގައި 12 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް، ގޭބަންދަށް ބަދަލުވެވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާ ލިޔުމެއް ސަރުކާރުން ފޮރުވައިގެން އުޅޭ ކަމަށް ބުނެ ކުރާ ތުހުމަތުތައް، ބޮޑުވަޒީރު އަންވަރު އިބްރާހީމް ދޮގުކުރައްވައިފިއެވެ.

ނަޖީބާ ދެކޮޅަށް 12 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް (ވަންއެމްޑީބީ)ގެ ފައިސާގެ ތެރެއިން 4.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތާއި މަނީ ލޯންޑްރިންގގެ ދަޢުވާގައެވެ. އެ ފައިސާގެ ތެރެއިން 1 ބިލިޔަން އެމެރިކާ ޑޮލަރު ޖަމާކުރައްވާފައި ވަނީ އޭނާގެ އަމިއްލަ އެކައުންޓަށެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގ ކުށް ސާބިތުވެ ނަޖީބްގެ މައްޗަށް 2022 ވަނަ އަހަރު އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމުން ބައެއް ވަނީ އެ ޤައުމުގެ ރަސްގެފާނު މަޢާފުކޮށްދެއްވައިފައެވެ. ޖަލު ޙުކުމުން ބައެއް މަޢާފްކޮށްދެއްވި ޤަރާރުގައި ހިމެނޭ އިތުރު ލިޔުމެއްގައި، ޙުކުމުގެ ބާކީ އޮތް މުއްދަތު ގޭބަންދަށް ބަދަލުކުރެވޭނެ މާއްދާއެއް އޮތް ކަމަށް ވިދާޅުވެ، ނަޖީބް ގެންދަވަނީ އެ ލިޔުން ހޯއްދަވަން ތަކުރާރުކޮށް ވަކާލާތުކުރައްވަމުންނެވެ. އެ ލިޔުން ހޯއްދެވުމަށް، ނަޖީބްގެ ފަރާތުން ހުށަހެޅުއްވި މައްސަލަ ދަށު ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.

ނަމަވެސް، މެލޭޝިޔާގެ އިސްތިޢުނާފު ކޯޓުން ވަނީ، އެ ލިޔުމުގެ ޞައްޙަކަން ބެލުމުގެ ޙައްޤު ނަޖީބަށް ލިބިވަޑައިގަންނަވާ ކަމަށް ނިންމައި، އެހެން ފަނޑިޔާރަކު ޢައްޔަނުކޮށްގެން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުގެ މައްޗަށް ޢަމުރުކޮށްފައެވެ.

އެފަދަ ލިޔުމެއް ދޫކޮށްފައިވާ ކަމަށް ރަސްގެފާނުގެ ގަނޑުވަރުން ވެސް ވަނީ ޔަޤީންކޮށްދީފައެވެ. ނަމަވެސް، އެ ލިޔުން ލިބިވަޑައިގެންފައިނުވާ ކަމަށާއި، އެ ލިޔުން ފޮނުވާފައިވަނީ ސީދާ މެލޭޝިޔާގެ ބަންޑާރަނައިބަށް ކަމަށް ބޮޑުވަޒީރު އަންވަރުއާ ޙަވަލާދީ، އެ ޤައުމުގެ ޤައުމީ ނޫސް އިދާރާއިން ވަނީ ބުނެފައެވެ.

"އެއަށްފަހު ބަންޑާރަނައިބު އެ ލިޔުން ގަނޑުވަރަށް ފޮނުވީ ރަސްގެފާނު ބަދަލުވުމުން. އެއީ މަޢާފު ދޭ ބޯޑުގެ ޗެއާމަނަކީ ރަސްގެފާނު ކަމަށް ވާތީ. އަޅުގަނޑުމެން އެއްވެސް ކަމެއް ފޮރުވާފައެއް ނޯންނާނެ،" އަންވަރު ވިދާޅުވިއެވެ.

މެލޭޝިޔާގެ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ބުނީ، ނަޖީބް ގޭބަންދު ކުރުމުގެ ހުއްދަ ދޭ އެއްވެސް ލިޔެކިޔުމެއްގެ ރެކޯޑެއް ނެތް ކަމަށާއި އެކަމާ ގުޅޭ ގޮތުން ޝާހީ ގަނޑުވަރުން އެއްވެސް ރަސްމީ އެންގުމެއް ނުވަތަ އިރުޝާދެއް ވެސް ދީފައި ނުވާ ކަމަށެވެ.