އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް މެޗެއް ކުޅެން ނިންމައިފިއެވެ.
"ޕީއެސްއެމް ސްޕޯޓްސް" އަށް މައުލޫމާތުދެމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސް އޮފިޝަލަކު ވަނީ މި މެޗު ކުޅުމުގެ ދައުވަތު ލިބިފައިވާކަން ހާމަކޮށްފައެވެ.
އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާއިން ރާއްޖެއާއެކު ކުޅުމަށް ހަމަޖެހިފައިވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ވޯމްއަޕް މެޗެއްގެ ގޮތުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވާކަން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން އިއުލާނުކޮށްފައިވީ ނަމަވެސް އަދި މެޗު ކުޅޭނެ ތާރީހެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން މެޗު ކުޅުމަށް ތައްޔާރުވަނީ މާޗް މަހުގެ ތެރޭގައެވެ.
ރާއްޖެ އާއި އިންޑިއާއިން އެންމެ ފަހުން މެޗެއް ކުޅުނީ 2021 ވަނައަހަރު ގެ ސާފް ޗެމްޕިއަންޝިޕްގައި މާލޭގައެވެ. އެ މެޗުން 3-1 ގެ ނަތީޖާއަކުން އިންޑިއާއިން ރާއްޖެ ބަލި ކުރި ނަމަވެސް ނިމިގެން ދިޔަ އަހަރު އިންޑިއާ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އެންމެ ފުރަތަމަ ކުޅޭނީ މާޗް 25 ގައި ފިލިޕީންސް އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މާލޭގައެވެ. އިންޑިއާއިން އެންމެ ފުރަތަމަ ކުޅޭނީ ހަމަ އެދުވަހު ބަނގްލަދޭޝް އާއި ދެކޮޅަށް އިންޑިއާގައެވެ.
ދާދިފަހުން ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ އިންޑިއާ އާއި އެކު އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އެ ދެމެޗުންވެސް ރާއްޖޭގެ ޓީމު ބަލިވެފައިވާއިރު އެއީ ރާއްޖޭ އަންހެން ޓީމުން މިއަހަރު ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ.