ޚަބަރު

މެކްއާޓީގެ ހެޓްރިކާއެކު ސިޓީއަށް ބޮޑު މޮޅެއް


އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ދެވަނަ ޑިވިޝަނުގެ ސެލްފޯޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު ފާއިތުވެދިޔަ ދުވަސްތަކުގައި އެފްއޭ ކަޕްގައި ސިޓީ އަށް ހޯދިފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ކޯޗު ޕެޕް ގަޑިއޯލާ ބޭނުންކޮށްފައިވަނީ ގިނައިން ބަދަލު ކުޅުންތެރިންނެވެ. ސިޓީ އިން ވަނީ މި މެޗުގެ އަށްވަނަ މިނިޓުގައި ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެރެމީ ޑޮކޫ އެވެ.

ސިޓީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ 20 ވަނަ މިނިޓުގައި ޒުވާން ފޯވަޑް ޑިވިން މުބާމާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މިއީ ވެސްޓްހޭމްގެ ކުރީގެ ކުޅުންތެރިޔާ ސިޓީ އަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ.

އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ނިކޯ އޮރެއިލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ޖެކް ގްރީލިޝް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިއީ ފާއިތުވެދިޔެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. އޭނާ އެންމެ ފަހުން ސިޓީ އަށް ލަނޑެއް ޖަހައިދީފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.

މެޗުގެ 62 ވަނަ މިނިޓުގައި ސިޓީގެ ޒުވާން ފޯވަޑް ޖޭމްސް މެކްއާޓީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ސިޓީ އިން މި މެޗުގައި ޖެހި ހަވަނަ ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޑޯކޫ ކާމިޔާބުކޮށްދިންއިރު އޭގެ ފަހުން މެކްއާޓީ ވަނީ އިތުރު ދެ ލަނޑު ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.