ޚަބަރު

އެޗްޑީސީ ބަލިކޮށް ސިފައިންގެ ކުލަބުން ގައުމީ ތަށި ދިފާއުކޮށްފި


ފަހަތުން އަރައި ކުލަބު އެޗްޑީސީ ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.

2023 ވަނަ އަހަރުގެ ގައުމީ ވޮލީބޯޅަ ލީގާއި، ގައުމީ ވޮލީބޯޅަ މުބާރާތްވެސް ކާމިޔާބުކުރި ސިފައިންނަށް ވަނީ މި ފަހަރުގެ ގައުމީ ލީގު ގެއްލިފައެވެ. އެގޮތުން ވޮލީ ލީގު އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ ފަހު މެޗުގައި ސިފައިން އަތުން ފަހަތުން އަރައި ތިން ސެޓު އެއް ސެޓުން މޮޅުވެގެންނެވެ. އެކަމަކު ގައުމީ މުބާރާތުގެ ފައިނަލް މެޗުގައި ހަމަ އެ ނަތީޖާއިން އެޗްޑީސީ ބަލިކޮށް ސިފައިންގެ ކުލަބުން ބަދަލުހިފިއިރު، އެ ޓީމުން ވަނީ ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ސިފައިންގެ ކުލަބުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އެޗްޑީސީން ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ. އެކަމަކު އޭގެ ފަހުން ސިފައިންގެ ކުލަބުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން އަނެއް ތިން ސެޓު ގެންގޮސްފައިވަނީ 25-21، 25-16 އަދި 25-23 އިންނެވެ.

ފައިނަލް މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސިފައިންގެ ކުލަބުގެ ކޯޗު މުމްތާޒް އަލީ ބުނީ ގައުމީ މުބާރާތަކީ ކާމިޔާބުކުރަން އުނދަގޫ މުބާރާތެއް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއް އެޗްޑީސީން ކާމިޔާބުކުރަން ދަނިކޮށް، ފަހު މުބާރާތް ސިފައިންގެ ކުލަބުން ކާމިޔާބުކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ސިފައިންގެ ކުލަބުގެ ކެޕްޓަން އާދަމް ނަސީމް (އެޑަމް) ބުނީ ގައުމީ ތަށި ކާމިޔާބުކުރެވުނީ ގޮތްދޫނުކޮށް ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ފަހަރުގެ ގައުމީ ލީގު ގެއްލުމާއެކު، މި މުބާރާތުގެ ތަށި ދިފާއުކުރުމަށް އަމާޒުހިފި ކަމަށާއި، އުއްމީދަކީ ދެން އޮންނަ ގައުމީ މުބާރާތް ކާމިޔާބުކޮށް ތަށި މިލްކުކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.

ސިފައިންގެ ކުލަބަށް ނިމިގެންދިޔަ ވޮލީ ސީޒަނުގައި ކާމިޔާބުކުރެވުނު ހަމައެކަނި މުބާރާތަކީ ގައުމީ މުބާރާތެވެ. އެކަމަކު އެޗްޑީސީން ވަނީ މި މަހުގެ ކުރީކޮޅު ނިމިގެންދިޔަ ގައުމީ ވޮލީ ލީގުގެ އިތުރުން މިދިޔަ ނޮވެމްބަރު މަހުގައި ބޭއްވި ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.