ޚަބަރު

ފުވައްމުލަކު ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި އިމާރާތްކުރަމުންދާ ފުލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފުވައްމުލަކު ކައުންސިލުން ހުޅުއްވާލައްވައިފިއެވެ.

ފުވައްމުލަކު ކައުންސިލުން ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި އިމާރާތްކުރަމުންދާ 200 ފުލެޓްގެ ތެރެއިން 150 ފުލެޓް ފުވައްމުލަކު ރައްޔިތުންނަށް ދޫކުރެއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި 200 ފުލެޓުގެ ތެރެއިން 20 ފުލެޓެއް ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޙާއްސަކުރައްވާފައިވާ ކަމަށެވެ. ފުވައްމުލަކު ކައުންސިލުން ވިދާޅުވީ މި ފުލެޓްތަކަށް އެދޭ ފަރާތްތަކަށް ފުލެޓަށް އެދޭ ފޯމް ކައުންސިލް އިދާރާއިންނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓުންވެސް ލިބެން ހުންނާނެކަމަށެވެ.

ފުވައްމުލަކު ކައުންސިލުން ވިދާޅުވީ ފުލެޓަށް އެދޭ ފޯމް ބަލައިގަންނަން ފަށާނީ އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެންކަމަށާއި، އޮގަސްޓް 18 ވަނަ ދުވަހާ ހަމައަށް އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ފޯމް ބަލައިގަންނާނެކަމަށެވެ. އަދި ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މައުލޫމާތު ފުރިހަމަނުވާ ފޯމް ބަލައި ނުގަންނާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.